އާންމުންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔާ ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އަޒީބެ ގެ ދަރިކަލުން އަޙްމަދު ކުމައިލް ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ބައްޕާފުޅަށް ސްޓްރޯކެއް ޖެހިގެން މިހާރު އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކުމައިލް ހާމައެއް ނުކުރައްވަ އެވެ. އެހެންނަމަވެސް، އެ ޕޯސްޓުގައި ކުމައިލް ވަނީ ބައްޕާފުޅަށް ހެޔޮ ދުއާ ކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
އަޒީބެ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ހިދުމަތް ކުރައްވައިފައިވާފަ އެވެ. އަދި އަރަބިއްޔާ ސްކޫލްގައި ވެސް އަޒީބެ ވަނީ މަސައްކަތް ކުރައްވާފަ އެވެ. އަޒީބެ ވަނީ ގިނަ އަދަދެއްގެ ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ދީނީ މުހިންމު މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކޮށްދެއްވާފަ އެވެ. އަޒީބެ ގެ ދީނީ ދަރުސްތަކާއި ވާހަކަތައް އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލެވެ.
އަޒީބެއަ ށް ސްޓްރޯކެއް ޖެހުނު ކަމުގެ ޚަބަރު ފެތުރުމާ އެކު، މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ އަޒީބެ އަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.