ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގެ ތެރެއިން ބައިނަލްއަޤުވާމީ މީޑިއާ އަކަށް  ދެއްވި އިންޓަރވިއުގެ ފެންވަރު ދަށް ކަމަށް ފާހަގަކޮށް އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި އެވެ.

އިންޑިއާގެ ވިއޮން ނިއުސް އިން މިނިސްޓަރ އާއި ސުވާލުކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ އިންޑިއާ އާއި ޖެހިހެން ރާއްޖެ އޮތް އިރު ރާއްޖޭގައި އިންވެސްޓް ކުރަން ޖެހޭ ސަބަބަކީ ކޮބާތޯ އެވެ. 

މިނިސްޓަރ އެ ސުވާލުތަކަށް ޖަވާބުދެއްވީ އިނގިރޭސިބަހުން ވަރަށް ކޮށި ގޮތަކަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އަކީ ދުނިޔެ "ސްޓްރެެސް" ވުމަށް އޮތް ގުދުރަތީ ހައްލެއް ކަމަށެވެ. ރާއްޖޭގެ ދޮންވެލިގަނޑާއި، ރީތި ފަޅާއި މޫދަކީ ރާއްޖެ އަށް އަންނަން ޖެހޭ ސަބަބު ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރު ރަނގަޅު ކުންފުނިތައް މިހާރު ވެސް ހަރަކާތްތެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އެ ސުވާލަށް ޖަވާބު ދެއްވުމުގައި އެ މަނިކުފާނު ގެންގުޅުއްވި ބަސްމަގަށް އާއްމުން ވަނީ ފާޑު ކިޔާފަ އެވެ. އާއްމުން ވަނީ ވަޒީރަކު ރާއްޖެ ތަމްސީލް ކުރަން ދާ އިރު މިއަށް ވުރެ ބޮޑަށް ހޭލުންތެރިވެ، މިއަށް ވުރެ ބޮޑަށް ތައްޔާރު ވާން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ކޮށިކޮށް ވަޒީރު ޖަވާބުދެއްވާފައިވާ ކަމަށް ބުނެ އާއްމުން ވަނީ ސައީދު އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. 

"ކޮށާބޮށާ ވާހަކަދައްކަން ނޭނގޭ މީހުންނަށް ވަޒީރުކަން ދިިނީމަ ވާނީ މިހެން." ވަޒީރަށް ފާޑުކީ އާއްމު މީހަކު ވަނީ ބުނެފަ އެވެ.

ރާއްޖެ ބައިނަލްއަޤުވާމީ މުޖުތަމައުގައި ތަމްސީލް ކުރަން ތިބި ސަރުކާރު ގެ ވަޒީރުންގެ ފެންވަރު ދަށް ކަމަށް ފާޑު ކިޔާ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސުވާލަށް ޖަވާބު ނުދެވި ވަޒީރު ބޮޑު ލަދެއްގައި ބެދުނު ކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ.

މިނިސްޓަރ ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅު ކަމަށާއި އިންޑިއާ އަކީ އެންމެ ގާތް އެއް އެކުވެރިޔާ ކަަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ އިގްތިސާދާއި ސަރުކާރުގެ ޕޮލިސީތަކާއި މެދު ކުރި ސުވާލަށް ވެސް ވަޒީރަށް ރަނގަޅު ޖަވާބެއް ނުދެވޭ ކަމަށް ފާޑުކީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

"ގްރޭޑު 5 ގަ ކިޔަވާ ކުއްޖާވެސް މިޔައް ވުރެން ރީތިކޮއް އަޑުއަހާލަން ވެސް ރީތިގޮތަކައް ޖަވާބުދޭނެ." އާއްމު މީހަކު ވަނީ ބުނެފަ އެވެ.

ފާޑުކީ އިތުރު އާއްމު މީހަކު ބުނެފައި ވަނީ ސަރުކާރުގެ އިސް ފަންތީގެ މީހުން ގެ ވާހަކަދެއްކުމުގެ ފެންވަރު ވަރަށް ދަށް ކަމަށާއި އެއީ ސަރުކާރު ތަމްސީލް ކުރަން ތިބި މީހުންގެ ފެންވަރު ރަމްޒުކޮށް ދޭ ކަމެއް ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ކަމާއި، މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ފެންވަރު ދަށްވުމުގެ ވާހަކަ އަކީ އައު ވާހަކަ އެއް ނޫންކަން ފާހަގަ ކުރެވެ އެވެ. ކަންބޮޑުވާ ފަރާތްތަކުން ބުނަނީ، ސަރުކާރުގެ އިސްފަރާތްތަކުގެ ނާގާބިލު ކަމުގެ ގެއްލުން ހަގީގަތުގައި ލިބެނީ މުޅި ރާއްޖެ އަށް ކަމުގަ އެވެ.