ރަމަޟާން މަހަށް ޚާއްސަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް ޖެނުއަރީ މަހު ބާއްވަން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމައިފި އެވެ. 

މިނިސްޓްރީން ބުނީ، މި ފެށޭ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަހަށް ޚާއްސަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2026ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. 

މިނިސްޓްރީން ބުނީ، މި މުބާރާތަށް އިންސާފުކުރުން އޮންނާނީ 31 ޖަނަވަރީ 2026ގަ އެވެ. އަދި ކޮންމެ ބާވަތަކުންވެސް 1 ވަނަ އަށް 5000 ރުފިޔާ 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 1000 ރުފިޔާގެ ފައިސާ އިނާމު ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މުބާރާތް ކުރިއަށް ގެންދާ މަގުސަދަށް އިޝާރާތް ކޮށް ހެރިޓޭޖް މިނިސްޓްރީން ބުނީ، ޒަމާނުއްސުރެ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، ރޯދަމަހު ދިވެހީން އާންމުކޮށް ބޭނުން ކުރަމުން އަންނަ ކާބޯތަކެތި އޭގެ އަސްލާ އެއްގޮތަށް އުފައްދައި، މުޖުތަމައުގައި އެ ތަކެތި އާލާ ކުރުމަށް ކަމަށެވެ. 

މީގެ އިތުރުން ރަމަޟާން މަހަށް ޚާއްސަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތުގެ އުސޫލާއި މި މުބާރާތުގައި ބައިވެރިކުރެވިދާނެ ބާވަތްތައް ހިމެނޭ ލިސްޓު ވެސް ވަނީ އާއްމު ކޮށްފަ އެވެ. 

އެގޮތުން 5 ބާވަތަކަށް ހިމެނޭ އެއްޗެހި ހުށަހެޅޭނެ އެވެ. އެއީ؛

  1. ހަވާދުގެ ބާވަތްތައް

  2. އަސާރަ/މުރުއްބާ
  3. ކެއްކި ފަނި/ކަނދި
  4. ސަޓަނި/މަސްހުނި ބޮނޑިބަތް (ފޮނިކާތަކެތި) 
  5. ހެދިކާ

މުބާރާތާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފަ އެވެ.