މި އަހަރު ސަރުކާރުން އަތޮޅު ކައުންސިލްތަކަށް ދެއްވާ ބަޖެޓް ގްރާންޓުން އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ދެމަހުގެ މުސާރަވެސް ދެވެން ނެތް ކަމަށް ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަފީގް ވިދާޅުވީ މިހިނގާ ޖެނުއަރީ މަހަށް ދެއްވި ގްރާންޓުން ޖެނުއަރީ މަހުވެސް މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. މިއީ ކަނޑައެޅިގެން އެތަކެއް އާއިލާއަކަށް ރައީސް މުއިއްޒު ދެއްވާ އަނިޔާއެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޕީއެންސީގެ ސަރުކާރުން ގެނެސްފައިވާ މި ބަދަލަކީ ރަށްރަށުގެ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށާއި އަދި ދެވޭ ނިކަމެތިކަމެއް ކަމަށް ޝަފީގް ވިދާޅުވި އެވެ. އަދި ސަރުކާރުގެ މިފަދަ އަމަލުތަކުން ދޭހަވަނީ ރައްޔިތުންކައިރީ ހޭވެސް އަހާނުލާ މަރުކަޒީ ވިސްނުމެއްގައި މި ސަރުކާރާއި ސަރުކާރު ޖަހާހާ ބެރަކަށް ނަށާ މަޖިލީހުން އެއްވެސް އިންތިޒާމެއް ނެތި ލާހޫރޭ ގޮތަށް ކަންކަން ކުރަމުންދާކަން ކަމުގައި ޝަފީގް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލައި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވީ ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 25 ނޮވެމްބަރު 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ. ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަތޮޅު ކައުންސިލް އުވާލަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.

ލާމަރުކަޒީ ނިޒާމާއި އިދިކީލަ ފިކުރެއް ޒަމާނުއްސުރެ ގެންގުޅުންވާ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ގާނޫނުތައް ކޮށާ މަށައިގެން ލާމަރުކަޒީ ގާނޫނުން ދިވެހި ރައްޔިތުން ކަށަވަރުކުރި އެތަކެއް ބާރެއް ހަނިކޮށް ހުރިހާ ކަމެއްގައި މައި ސަރުކާރަށް ބަރޯސާވާން ވަނީ މަޖުބޫރުކޮށްފައި ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.