ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ މައްސަލަ ބަލާނެ ރިޔާސީ ކޮމިޝަނެއް ހައްދައިގެން މައްސަލަ ތަހުގީގު ކުރާ ހިސާބަށް މި ގައުމުގެ ހާލަތު ދާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވެސް މުއިއްޒު އެންމެ ބޮޑަށް ދެއްކެވީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ކަމަށެވެ. އަދި މިއަދު ވެސް އެ ވާހަކަ ދައްކަވަމުން ދާ ކަމަށް ނިޝާން ވިދާޅުވި އެވެ. 

ނިޝާން ވިދާޅުވީ އެމަނިކުފާނު ގެ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުން ހާމަވީ ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން އިތުރު ސިޓީ އެއް ލިޔާ ކަން ކަމަށެވެ. 

ނަމަވެސް މި ސަރުކާރަށް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހަގީގަތުގައި ނޭނގެނީތޯ ނިޝާން ސުވާލު އުފައްދަވާ އެކަމުގެ ތަފްސީލް ހިއްސާ ކުރެއްވި އެވެ. 

އެ މައްސަލައަކީ، އެ މައްސަލައިގެ ހާދިސާގައި ކަން ހިނގާފައިވާ ގޮތަކީ އޭރު އެ ސަރުކާރުގަ ރައީސް އިބްރާހިމް މުހައްމަދު ޞާހިލު ގެ ސަރުކާރުން މި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރި މަސައްކަތް. ގާނޫނީ ގޮތުން އޭރުވެސް އޮތީ ދިވެހިރާއްޖޭ ގެ އެބުނާ ސަރަހައްދެއް، މުއިއްޒު އެ ވިދާޅުވާ ސަރަހައްދަކީ ގާނޫނީ ގޮތުން މޮރިޝަސް ގެ ބައެއްގެ ގޮތުގައި އޮތް ތަނެއް. މޮރިޝަސް އާ އިނގިރޭސިވިލާތާ ދެމެދު ހިނގައިދިއަ މައްސަލައެއްގެ ތެރެއިން ދިވެހިރާއްޖެ ވަންނަން ނުޖެހޭ، ހަގީގަތުގައި ވަންނަން ނުޖެހޭ ކަމެއްގެ ތެރެއަށް ރާއްޖެ އޭރު ވަދެގެން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޮޑުބައެއް ހޯދުމުގެ ބޭނުމުގަ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ ދުނިޔޭގެ ކަނޑާ ބެހޭ ގާނޫނު ބުނާ ގޮތުން ދިވެހިރާއްޖެ އަކީ އާކިޕެލާޖިކް ގައުމެއް ކަމަށެވެ. އެހެން ކަމުން މި ގައުމުގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި އޮންނާނީ ހިކިފަސްތަނުގެ އެންމެ ބޭރަށް ހިކޭ ސަރަހައްދުން ފެށިގެން އޭގެ ބޭރަށް ވަކި އަދަދަކަށް ނޯޓިކަލް މޭލެއް ކަނޑައެޅުއްމަށް ފަހުގައި ކަމަށެވެ. 

ރާއްޖޭގެ ސިޔާދަތީ ސަރަހައްދާ ދުނިޔޭގެ ތިން ގައުމެއްގެ ސިޔާދަތީ ސަރަހައްދާ ފުށު އަރާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. އެއީ އަވަށްޓެރި ސްރީލަންކާ އާ، އިންޑިއާ އަދި މޮރިޝަސް ކަމަށާ ފުށު އަރާ މިފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ ކަނޑާ ބެހޭ ގާނޫނު ބުނެފަ އޮންނަނީ ކަނޑުގެ ސަރަހައްދު ދެ ގައުމަށް އެއްވަރަށް ބަހަން ޖެހޭ ގޮތަށް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.

އެކަމު މޮރިޝަސް ގެ ސަރަހައްދުން ރާއްޖެއަށް ލިބިފަ އޮންނަ ސަރަހައްދު ބޮޑުވާނެ. އެއްވަރަށް ބޮޑަށް ރާއްޖެއިން އޮންނާނެ ބައެއް ހޯދާފަ. އެހެންވީމަ ރާއްޖެއިން ކަނޑުގެ ސަރަހައްދު ވިއްކާލީ އޭ ކިޔާފަ މިހާރު ރައީސް މުއިއްޒު އެ މަސައްކަތް ކުރަނީ ރިޔާސީ ކޮމިޝަނެއް ހަދަން. ރައީސް މުުއިއްޒު އެކަމުގައި ރިޔާސީ ކޮމިޝަނެއް ހަދައިގެން މައްސަލަ ތަހުގީގު ކޮށްފަ ކުރާނެ ވަރަކަށް ކުރަން މައްސަލައެއް ނެތް. ކުރޭ. އެހެން ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނިކުންނަ ނަތީޖާ ތަކާ އެކަން ގާނޫނީ އިމުން ބޭރުން މުއިއްޒު ކުރައްވައިގެން ނިކުންނަ ނަތީޖާތައް ތަހުގީގު ކޮށް، ފަހުގެ ޒަމާނެއްގައި އަދި މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް މި ރާއްޖޭގެ ހާލަތު ދާނެ. 
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މިކަމާ ގުޅިގެން އިޓްލޮސް އިން ގޮތެއް ނިންމީ، 2022 ވަނަ އަހަރު މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމަށް މޮރިޝަސް އިން ހުށަހެޅުމުން އިޓްލޮސް އިން އެ ސަރަހައްދު ދެ ގައުމަށް ބަހާލީ ރާއްޖެ އަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.