ސިޔާސީ ހަސަދަ އޮތަސް މީހުން މަރަން ގޮވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަންޖައްސާ އަވަހާރަކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ. 

އާޒިމް ވިދާޅުވީ ސިޔާސީ ނުވަތަ ޒާތީ ހަސަދަވެރިކަމެއް އޮތް ނަމަވެސް، އެއްވެސް މީހަކު މަރަން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.  އަދި އެއްވެސް މީހަކު މަރަން ގޮވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަންޖެހޭނެ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ  އެކްސްގައި ރައީސް ސޯލިހު ޓެގް ކުރައްވާ އެ މަނިކުފާނަށް ނިސްބަތްކޮށް ހަޑި ހުތުރުބަހުން ވާހަކަދައްކަވާފަ އެވެ. މުސްތަފާ ވަނީ ރައީސް ސޯލިހު ދަންޖައްސާ މަރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މުސްތަފާ ފަދަ މީހަކު ވެރިކަމުގައި ނެތުމަކީ ސޯލިހުގެ ނަސީބު ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

މި މައްސަލަ ބެލުމަށާއި، މިކަމާއި މެދު ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.