އިންތިޚާބުތައް އެއް ކޮށްލުމާއި މެދު ގޮތެއް ނިންމުމަށް ނަގާ "ރިފަރެންޑަމް"ގެ ނަމުގައި މަކަރުވެރިކަމާއި އެކު ރައްޔިތުންގެ އަތުން ބާރު ނެގުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށައި، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

އަމީން އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ޕީއެންސީ އިން ދަނީ މުޅި މި ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ފުނޑާލާ ރައްޔިތުންގެ ބާރު ނަގާލަމުން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ޚަރަދު ކުޑަކުރަން ކަމަށް ބުނެ އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަނީ މަކަރުވެރިކަމުން ކަމަށާއި އެކަމުގެ ބޭނުމަކީ ރައްޔިތުންގެ ބާރުތައް ފޭރިގަތުން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރަށް ވެރިކަން ދީ، ރައްޔިތުން ދިން ބާރުތައް ހީލަތްތެރިކަމާއި އެކު ބޭނުން ކުރަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.

 
"މިއަދު އަޅުގަނޑުމެންގެ ބޯމައްޗަށް ނަގާފައި މި ވަނީ މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ވިލާގަނޑެއް. ބަޔަކު ފިނި ކޮޓަރީގައި ތިއްބަވައިގެން މި ބޭފުޅުންގެ އަމިއްލަ އުފަލާ މަންފާ އަށްޓަކާތިބޭފުޅުންގެ އުފަލާ، ތި ބޭފުޅުންގެ ހިއްވަރުން ހޯދި ބާރު މިއަދު މި ބޭފުޅުންގެ މުށުތެރެއަށް ލީތަން." އަމީން ވިދާޅުވި އެވެ.

ތާރީހުން ފެންނަން ހުރި ގޮތުގައި މީގެ ކުރިން ވެސް ރާއްޖޭގައި މިފަދައިން ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަތުމަށް ބަޔަކު މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތް ކާމިޔާބު ނުވާ ކަމަށް އަމީން ވިދާޅުވި އެވެ. 1352 ވަނަ އަހަރު، ރަޖަބު 22 ވީ އަންގާރަ ދުވަހު ހިނގި ހާދިސާ އަކީ އެފަދަ ހާދިސާ އެއް ކަމަށް އަމީން ވިދާޅުވި އެވެ.

"ޝަމްސުއްދީންގެ ވެރިކަމުގެ އާރާއި ބާރު ހިފަހައްޓަން މި ކުރި ކަންތައްތަކުގެ ސަބަބުން 12 މަހާއި ބާރަ ދުވަހުގެ ތެރޭގައި ވެރިކަން ވެއްޓުނީ. އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އިސްކުރަމުން، މި ބޭފުޅުން މި ތޫނު ކުރަމުން މިދަނީ މި ބޭފުޅުންގެ ލޮލަށް ހެރޭނެ ތީރެއް އިރާދަކުރެއްވިއްޔާ." އަމީން ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ކަންކަން ދަނީ އޭރު ވެސް ދިޔަ މަގުން ކަމަށާއި ރައްޔިތުންގެ ބާރުތައް ނަގާލަން ވެރިންނަށް ފުރުސަތު ނުލިބޭނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ ބާރުތައް ހިފަހައްޓައިގެން އުޅެނިކޮށް، އެ ބާރުތައް މީގެ ކުރިން ވެސް ގެނެސްދިނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ހިއްވަރުން ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އަމީން އިތުރަށް ވިދާޅުވީ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށް ގަބޫލުކުރާ ބަޔަކީ އެމްޑީޕީ ކަމަށެވެ.