މާލޭ ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންދުކުރީ، ސ. މަރަދުއަށް ނިސްބަތްވާ 24 އަހަރުގެ އަލީ ޝަމާއިލެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މި މަހު އަށްވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ޝަމާއިލް ހައްޔަރުކުރީ، ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 24 ވަނަ ދުވަހު އެވެ.
ޝަމާއިލްގެ މައްޗަށް މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތު ކޮށްފައިވެ އެވެ. އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާ ގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވެ އެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން، ފޮޓޯ ލައިންއަޕް، ފުލުހުންގެ ހާދިސާ ރިޕޯޓާއި، ކުށުގެ ރިކޯޑު ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން އޭނާ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އޭނާ އަކީ ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، ވަކީލެއް އައްޔަނުކުރުމުގެ ފުރުސަތަކަށް އޭނާ ކޯޓުގައި ވަނީ އެދިފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.