ފުލުހުން ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ހުއިފިލަނޑާ ބަސްތާ ތަކަކީ ވެރިފަރާތް ކަށަވަރުނުވާ ތަކެތި ކަމަށް ބުނެ ނީލަމުގައި ވިއްކާލުމަށް ފުރަތަމަ އިއުލާން ކުރީ މިމަހުގެ 9 ވަނަ ދުވަހު އެވެ. މި ހުއިފިލަނޑާތައް ނީލަން ކިޔަން ދެ ވަނަ ފަހަރަށް އިއުލާން ކުރިއިއިރު، މި މައްސަލަ މިހާރު އޮތީ ހައިކޯޓަށް ވެސް ހުށަހަޅާފަ އެވެ. ހައިކޯޓަށް ހުށަހަޅާފައިވަނީ އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެވެ.

މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.

މި މައްސަލަ ކޯޓުގައި އޮއްވާ ބުދަ ދުވަހު، ފުލުހުން އެ ވިއްކާލަން އިއުލާނުކޮށްފައިވަނީ، ކިލޯއަކަށް 300 ރުފިޔާ އާއި 850 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ހަތަރު ބާވަތެއްގެ ހުއިފިލަނޑާ ވިއްކާލަން ހިމަނާފައިވެ އެވެ.

ފުލުހުން ބުނީ، 8 މާރިޗް 2026 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ނީލަމުގައި ރަޖިސްޓްރީ ވާން ޖެހޭ ކަމަށެވެ. އަދި ނީލަން ކިޔުން އޮންނާނީ ދޫނިދޫގައި ކަމަށާއި، ނީލަން ކިޔާނީ 9 މާރިޗް 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. 

މީގެ އިތުރުން މިތަކެއްޗަކީ ރާއްޖެއިން އެކްސްޕޯޓް ކުރުން މަނާތަކެތި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

31 ޑިސެމްބަރު 2025 ގައި ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ މައްސަލަ ތަހުގީގު ކުރި އިންވެސްޓިގޭޝަން އޮފިސަރަކު މަސްއޫލިއްޔަތުން 12 ފެބްރުއަރީ 2026 ގައި އެކަހެރިކޮށްފައިވެ އެވެ.

ހުއިފިލަނޑާތަކަށް ހިޔާނާތްތެރިވި މައްސަލަ ފެންމަތިވީ 29 ޑިސެންބަރު 2025 ގައި ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުންނެވެ. އަދި އެތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުންގެ އަމާޒަކީ ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތުކުރާ 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ އޭގެ ވެރިފަރާތާ ހަވާލު ނުކުރުން ކަމަށް މުދަލުގެ ވެރިފަރާތުން ތުހުމަތު ކުރެ އެވެ.