ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށިތައް ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ނުބަހައްޓަން ނިންމާފައިވަނީ، އެ ތަންތަނުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދެއް ނެތުމުން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ، ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ލަފާ ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުގައި ތިބެގެން ވޯޓުލެވޭނެ އިންތިޒާމެއް ހަމަނުޖެއްސުމަށެވެ. އެގޮތުން ބޭރުގެ އެއްވެސް ގައުމެއްގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީ އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލް އިންތިޚާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު ވިދާޅުވީ، ސަރުކާރުގެ ނުފޫޒަށް އިލެކްޝަންސް ކޮމިޝަނުން ތަބާވެފައިވާ ކަމަށެވެ. އަދި މުޅި އިންތިޚާބުގެ މަރުހަލާ ކުރިއަށް ގެންދަނީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ވަޙީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރު ގައުމުތަކުގައި ފޮށި ނުބަހައްޓަން ނިންމި މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ވޯޓު ޕީއެންސީ އަށް ނުލިބޭނެކަން ސަރުކާރަށް ޔަގީންވާތީ އެވެ.

މިއަދުވެސް ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ އެލަވަންސެއް ނުދެވޭ، އެހެންވީމާ އެ ފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް، އެ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުން އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީ
ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު ޢަބްދުالله ވަޙީދު

އޭގެ އިތުރަށް، ޚާއްސަކޮށް ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ސްރީލަންކާ އާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދު ނުވަތަ ތްރެޝްހޯލްޑް އާދަޔާ ޚިލާފަށް މަތިކަމަށް ވެސް  އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓުމަށް 2،000 މީހުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، ރާއްޖޭގެ ރަށްރަށުގައި 400 މީހުން ހަމަނުވާ އާބާދީތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާކަން ވަޙީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށްޓަކައި ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓޭ ތްރެޝްހޯލްޑް ދަށްކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އިލެކްޝަނަށް ދަންނަވަން އޮތީ، އަޅުގަނޑުމެން އެދެނީ ގިނަ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓުލެވޭނެ ގޮތަށް އިލެކްޝަނުގެ އިންތިޒާމުތައް ހަމަޖެއްސުން. އަދި ރާއްޖެއިން ބޭރުގައި އާއި ސިނާއީ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މިހާރު ތިބޭފުޅުން ކަނޑައަޅާފައި ހުރި ތްރެޝްހޯލްޑްތައް ދަށްކޮށް އެ ސަރަހައްދުތަކުގައި ވޯޓުލެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،
ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު ޢަބްދުالله ވަޙީދު

މި އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު، ޖުމލަ 25،454 ފޯމު ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، މީގެ ކުރީގެ އިންތިޚާބުތަކުގައި އާންމުކޮށް ވޯޓު ފޮށި ބަހައްޓަމުން އައި ބައެއް މުހިންމު ތަންތަނުގައި މިފަހަރު ފޮށި ނުބަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތްކުރާ ބައެއް ރިސޯޓުތަކުގެ އިތުރުން، މެލޭޝިއާ އަދި ސްރީލަންކާ ފަދަ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތައް ހިމެނެ އެވެ.