"ފަހި ދިރިއުޅުން" ފްލެޓްތަކުގައި ބަދިގޭގައި އުފެދޭ ކުނި ކަމާއި ބެހޭ ފަރާތްތަކަށް މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ދޫކޮށްލާފައިވާ ކަމަށް ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

ފަހިދިރުއުޅުން ފްލެޓްތަކުގައި އާއްމުންނަށް އެތައް ދަތިތަކެއް ދިމާވަމުން ދާއިރު އެކަންކަމާ މެދު ޒިންމާ ނަގާނެ ބައެއް ނެތް ކަމަށް ނޫރައްދީން ފާހަގަކުރެއްވި އެވެ. އެގޮތުން ކުނީގެ މައްސަލަތަކުގައި ޝަކުވާ ކުރި ނަމަވެސް އެކަމަށް އެޓެންޑް ވާނެ ފަރާތެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފްލެޓްތަކުގެ ބަދިގޭގައި އުފެދޭ ކުނި އެޅުމަށް ބަހައްޓާފައި ވަނީ އެކަމަށް އެކަށީގެން ނުވާ ވަރުގެ ކުޑަ ޑަސްބިން އެއް ކަމަށް ނޫރައްދީން ވަނީ ވިދާޅުވެފަ އެވެ. ކޮންމެ ޓަވަރެއްގައި 128 އެޕާޓްމެންޓް ހުރި އިރު، އެ ގޭބީސީތަކަށް ކުނި އެޅުމަށް ހަމަޖައްސައިދީފައިވާ ޑަސްބިން ކުޑަވުމުން ޑަސްބިން ފުރި އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ދިމާ ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮތަޅުތައް ފުރިގެން ފައިބާ ކުނި އެތަނުގައި އެބަ ހުރޭ ހަފްތާ ދެހަފްތާ ވާ އިރު ވެސް، ފުޅަ ހުންނަނީ އެތަނުގައި." އެނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ފްލެޓްތައް އާއްމުންނަށް ފޯރުކޮށްދިނުމުގެ، ފުރަތަމަ ދުވަހުން ފެށިގެން މެއިންޓެނަންސް ފީ އެއް ނެގި ނަމަވެސް އެ ފީއާއި އެއްގޮތަށް ޚިދުމަތެއް ފޯރުކޮށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމާއި މެދު ޒިންމާ ނަގާނެ ފަރާތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މެއިންޓެނަންްސްގެ ޝަކުވާތައް ކުރުމުން ކިއު ތަރުތީބުން އެކަން ބަލަމުންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނަމުންދާ ކަމަށާއި އެ މަރުހަލާ ކުރިއަށް ދަނީ ވަރަށް ލަސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަނާތަކުން ލީކުވުން ފަދަ ޝަކުވާތައް ވަރަށް ބޮޑު. ދީފައި ހުންނަ ނަމްބަރުތަކުން ޖަވާބެއް ނުދޭ. ރިކުއެސްޓް ކުރާށޭ ބުނަނީ. އެ ކިއު ޖެހެނީ ކޮން އިރަކުން ކަމެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނި ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައްޔިތުން މާޔޫސްކުރުވާފައިވާ ކަމަށެވެ.