ފަހިދިރިއުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސޮބާހު ވިދާޅުވީ ފަހި ދިރިއުޅުމުގެ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމަށެވެ. ފްލެޓްތައް ލިބުނު މީހުންނަށް އެތަނަށް ރެޖިސްޓްރީ ބަދަލުކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ އުސޫލުން ބަލާ ނަމަ ތަނުގެ ވެރިފަރާތަކީ ފަހިދިރިއުޅުން ކޯޕަރޭޝަން ކަމަށް ސޮބާހު ވިދާޅުވި އެވެ. ވަރަށް ބޮޑެތި ޖޫރިމަނާ އާއި އެކު އާއްމުން ކުށްވެރި ވާނެ އެތައް ގޮތެއް އެ އެގްރީމެންޓް އެކުލަވާލި އިރު ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. 

 މީހުން ދިރިއުޅޭ އާބާދީ އިން ބަލާ ނަމަ އެއް ރަށުގެ އާބާދީ އާއި އެއްވަރަށް ފަހި ދިރިއުޅުމުގެ ކޮންމެ ޓަވަރެއްގައި ވެސް މީހުން ދިރިއުޅެމުންދާ ކަމަށް ސޮބާހު ވިދާޅުވި އެވެ. އެހެންކަމުން ރަށަކަށް ބޭނުންވާ މިންވަރަށް އެތަނަށް މުނިސިޕަލް ޚިދުމަތްތައް ބޭނުންވާނެ ކަމަށް ވެސް ސޮބާހު ވަނީ ވިދާޅުވެފަ އެވެ. 

"އެއީ ފާހަނާކަމުގައި ވިޔަސް ކުނީގެ ނިޒާމް ކަމުގައި ވިޔަސް އަދި ލޭންޑް ސްކޭޕް ވިޔަސް. މި ހުރިހާ ކަމެއް މިއީ އާދައިގެ ރަށަކަށް ބޭނުންވާ  މިންވަރަށް މުނިސިޕަލް ޚިދުމަތްތައް ހުންނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެ ތަނުގެ ވާހަަކަ ސަރުކާރުން ދެއްކީ ފޮނި ވާހަކަތައް ކަމަށާއި އެ ވާހަކަތަކާއި ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ލިބެމުންދާ ޚިދުމަތްތަކާއި ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޯހިޔާވަހިކަމަށް އަމާޒު ކުރި ކަމަށް ބުނި 2025ގެ ބަޖެޓް ނިމުނު އިރު ވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢު އެއް ނުފެށޭ ކަމަށާއި އެއީ އާއްމުންގެ ކަންބޮޑުވުމެއް ކަމަށެވެ. ހަރުދަނާ ބޯހިޔާވަހިކަމެއް ގެންގުޅުމުން އާއްމުންނަށް އޭގެ ފައިދާ ލިބޭ ގޮތް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.