ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބްރިޖުގެ ލައިޓު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ 16 އަހަރުގެ ކުއްޖަކު މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި އެވެ. 

މި ހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ ދަންވަރު 1.39 ހާއިރު މާލެ ކޮޅުގައި ސިނަމާލެ ބްރިޖު ލައިޓް ކައިރިންނެވެ. އަދި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލް ނުވެވި އެވެ. ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ލައިސަންސް ވެސް ނެތެވެ. މި ހާދިސާގައި މަރުވީ ސައިކަލު ފަހަތުގައި އިން 16 އަހަރު ކުއްޖާ އެވެ. 

ރ. އިނގުރައިދޫ އަށް ނިސްބަތްވާ މުހައްމަދު އާދިން އާރިފް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލާގައި މީނާ ޝަރުތުކޮށް ބަންދުން ދޫކޮށް ދިނުމަށް އެދޭކަމަށާއި، މިކަން ހިނގާފައިވާކަމަށާއި، ނަމަވެސް މިކަން ހިނގާފައިވަނީ ގަސްދުގައި ނޫންކަމަށް ބުނެފަ އެވެ. އަދި ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މިހާދިސާ މިހެން ހިނގީކަމަށާއި، މިކަން މިހެން ހިނގީތީ ހިތާމަކުރާކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުޠު ތަކާއިއެކު ބަންދުން ދޫކޮށްލުމަށް އެދޭކަމަށް ދިފާއުން ފާހަގަކުރުމުން، ތުހުމަތުކުރެވޭ ފަރާތަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިޢާޔަތްކޮށް، ހަރުކަށި ޝަރުޠު ތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުންގެ ފަރާތުން އިއުތިރާޒް ނުކުރާކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. މިކަންކަމަށް ރިޢާޔަތްކޮށް، އަދިން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމާފައިވެ އެވެ. 

އަދި ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތާ ހިލާފުވެއްޖެނަމަ، އަލުން ބަންދު ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ އަންގާފަ އެވެ.