އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް ކަމަށާއި އެ އޮޅުވާލުމުގައި ޖެހިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޯމަ ދުވަހު ހަވީރު ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެން ދާއިރު ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ނުފުދޭތީ މިއަދު ރައްޔިތުން ކައިރި އަށް ދާން ސަރުކާރުން ލަދު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ތާއީދު ނެތުމުން ދެން މަސައްކަތް ކުރައްވަނީ އިންތިޚާބުތައް މަދުކޮށްލައިގެން ކޮންޓްރޯލް ޤާއިމްކުރުމަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"އިންތިޚާބުތައް ނުބޭއްވުމަށް ކުރާ މަސައްކަތަކީ އަސާސީ ހައްގުތައް ކަށަވަރުކޮށް ނުދިނުމަށް ހިންގާ ބޮޑު ޖަރީމާ އެއް. މިކަން ކުރުމަށް އެއް ގޮތަކަށް ވެސް ޖާގަ ދީގެން ނުވާނެ. އަމުދުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އާއެކޭ ބުނެގެން ނުވާނެ. ވަރަށް ވިސްނައިގެން ވޯޓު ލާ މީހާ ވޯޓުލާން ވާނީ." އޭނާ ވިދާޅުވި އެވެ.
ރެފަރަންޑަމްގެ ވޯޓަކީ ވާ ނުވާ ނޭނގޭ ގޮތަށް ނަގަން މަސައްކަތް ކުރަން ހެޔޮވާވަރުގެ ވޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ ވޯޓުތައް މަދު ވުމަކީ ރައްޔިތުން ބަސް ބުނަން ލިބޭ ފުރުސަތު ކުޑަކުރުން ކަމަސާއި އެއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަކީ ދިވެހިންނަށް މި ސަރުކާރާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ ފަހު ފުރުސަތު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތު ނަގާނުލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.