ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ 28 ފެބުރުވަރީ 2026 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން، މެލޭޝިއާ، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި، ލޫޠު އިބްރާހީމް އާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަންޖިނި ޖީވަނަންތަން އާއި ލޫޠު އިބްރާހީމް 15 ދުވަަހަށް އަދި އަޙްމަދު ރިޝްމާހް ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖެއަށް ވައިގެ މަގުން އެތެރެކޮށްފައިވާ 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން އާދިއްތަ ދުވަހު ބުނެފައިވެ އެވެ. މި ތަކެތީގެ މަގުމަތީގެ އަގު 2.2 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.