މޮރިޝަސްއިން
ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ އަދި "އިމެޗުއަރ"
ނިންމުމެއް ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް
މުއިއްޒު އެފަދައިން ވިދާޅުވީ 8 މަސް ދުވަހަށްފަހު ނޫސްވެރިންނާ
ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުރަމުންދާ
މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެކަމަށްޓަކައި ހުށަހަޅަންޖެހޭ
މައްސަލަތައްވެސް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ
އިތުރުން، ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމާފައިވާ
ނިންމުމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެ ނިންމުމަކީ ތާކުންތާކު ނުޖެހޭ
އަދި "އިމެޗުއަރ" ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަކީ
ޗާގޯސްގެ ޙައްޤުވެރި ފަރާތް ކަމަށެވެ. އެ ހަގީގަތް ބަދަލެއްވެސް ނުވާނެ ކަމަށް
ރައީސް ވިދާޅުވި އެވެ.

ރައީސް
އިތުރަށް ވިދާޅުވީ، އެކަމުގައި ރާއްޖޭގެ ނިންމުން ބަދަލެއްވެސް ނުވާނެ ކަމަށެވެ.

 މޮރިޝަސްއިން  ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ، ވަރަށް އިމެޗުއަރ، ވަރަށް ނައީވް ނިންމުމެއް، އެ ނިންމުން އެހެން ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ، ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޙައްޤު ނޫން ތަނެއް މޮރިޝަސްއަކަށް ޙައްޤެއް ނުވާނެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމާފައި ވަނީ ހުކުރު ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ގައުމުން ވަނީ އެކަން ރަސްމީކޮށް ހާމަވެސް ކޮށްފަ އެވެ. 

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި، ޗާގޯސް އާކިޕެލަގޯގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަން ދިވެހި ސަރުކާރުން ގަބޫލުނުކުރުމާއި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒުކުރާތީ، އެ ކަންކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖެ އާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

 މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޗާގޮސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. މީގެއިތުރުން، ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ބަލައިނުގަންނަވާނެ ކަމަށާއި، އެ ސަރަޙައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރު އެ ސަރަހައްދަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.