ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން އެއީ ރިޝްވަތު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުން ފާހަގަކޮށް، އެއީ ރިޝްވަތުގެ ފައިސާ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކޮށްފަ އެވެ.

އެސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރިޝްވަތު ނޫން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، އެކަން ފުއްދުން އިންތިޚާބަކާ ދިމާވުމަކީ އެމަނިކުފާނުގެ ނިޔަތެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ވެސް އެކި ގޮތްގޮތަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މާލެސިޓީ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ މަސައްކަތް ކުރެވިފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އާދެ. އެއްވެސް ވަރަކަށް ރިޝްވަތެއް ނޫން އެއީ. މި ފާހަގަވަނީ ތިބޭފުޅުންގެ މައުލޫމާތު ކީކޭ ދަންނަވާނީ މައުލޫމާތެއް ނެތްވަރު އެނގޭތޯ. އަޅުގަނޑުގެ މެނިފެސްޓޯގައި ވެސް އޮންނާނެ ކަމެއް އެއީ. މެނިފެސްޓޯގައި ވެސް އެއާ ގުޅިގެން ވެސް ރިޔާސީ އިންތިޚާބުގެ އެކިއެކި ކެންޕޭން ދުވަސްވަރު ވެސް އޮންނާނެ އެވާހަކަ ދައްކާފައި. އެހެންވީމަ ރަނގަޅަށް މައުލޫމާތު ފުރިހަމަ ކުރައްވައިގެން ވަޑައިގެން ސުވާލު ކުރެއްވީމަ އަޅުގަނޑު ހިތުން ސުވާލު ކުރަން ވެސް ފަސޭހަ ވާނީ. 
ރައީސް ޑރ.މުހައްމަދު މުއިއްޒު

އެއީ ރިޝްވަތު ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅު ނުކުރެއްވި ނަމަވެސް ފްލެޓްތަކުގެ ވެރިންނަށް އެ ފައިސާ ދިނުމަށް ނިންމެވީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއި ޑަބްލިއުޑީސީ ރައީސަކަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއެކު ފްލެޓްތަކުގެ ވެރިންނާއެކު މުލިއާގޭގައި 16 ފެބްރުވަރީ 2026 ގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި 1990 ވަނަ އަހަރު މީހުން ދިރިއުޅެން ފަށާފައިވާ ކަމަަށާއި، އޭގެފަހުން މިއަދާ ހަމައަށް މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެ ތަންތަން ހުރީ ބޯމައްޗަށް ވެއްޓޭ ހިސާބުގައި ކަމަށާއި، އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި ވިދާޅުވީ އެމީހުންނަށް އަޅާނުލާ ދޫކޮށްލުމަކީ ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ސިނަމާލޭގެ ހަތަރު ފްލެޓާއި މާލެހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި މައްސަލަ ރަސްމީކޮށް އޭސީސީއަށް ހުށަހެޅުމުން މިހާރު ވަނީ ބަލަން ފަށާފަ އެވެ.

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެމަނިކުފާނުގެ ރިޔާސީ ވައުދަކަށްވާއިރު، ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާން ކުރި އެވެ. އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރުމަށް ވެސް އިއުލާން ކޮށްފައިވެ އެވެ. މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު، މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.