މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ގައުމުތަކަށް އަނބުރާ ނުދެވި، ރާއްޖެ އިން ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމައިފި އެވެ. 

 މިދިޔަ މަހުގެ 28 ން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިވެ، ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލް ވެފަ އެވެ. 

އެކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ރާއްޖޭ ގައި މި ވަގުތު ތިބި ބައެއް ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތް ކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ، އެހެންވެ، އެ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމީ ކަމަށެވެ.

ރާއްޖެއިން ނުފުރި ތިބި ޓޫރިސްޓުންގެ ހާލު ބަލައި ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ އެކި ފަރާތްތަކުން އަންނަނީ މަސަައްކަތް ކުރަމުންނެވެ.

ހަނގުރާމައާ ހެދި މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ވެސް ގިނަ ފްލައިޓްތައް ކެންސަލްވެ، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް އޮތީ ތޮއްޖެހިފަ އެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އާދިއްތަ ދުވަހު ރާއްޖެ އަންނަން ހަމަޖެހިފައި އޮތް 12 ފުލައިޓެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ވިދާޅުވީ، އާދިއްތަ ދުވަހު ވީއައިއޭއަށް އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވި ކަމަށެވެ. މިކަމުގެ ސަބަބުން މިހާރުގެ ހާލަތު ނާޒުކު މިންވަރަށް ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފްލައިޓުތައް ކެންސަލް ކުރުމުން ފަސިންޖަރުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑިސްރަޕްޝަން މެނޭޖުމަންޓު ސެންޓަރެއް" ވެސް ގާއިމު ކޮށްފަ އެވެ.