ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލީ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުނުވާކަމަށް ޖަނަވަރީ 2025 ގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ ވެސް އަދި މައްސަލައިގެ ހެއްކާއި، ޤަރީނާ ވަޒަންކޮށްފައި ވަނީ ވެސް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށް ކަމަށެވެ.
މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވެއެވެ. އެގޮތަށް އެދިފައިވަނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުންނެވެ.