އެމެރިކާ އަދި އިސްރޭލުން އީރާނަށް ހަމަލާދީ އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި ލާއިންސާނީ އަމަލު ރ. އަތޮޅު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ. 

ރ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ ޖުމްހޫރިއްޔާ، އީރާނުގެ ރޫހާނީ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި ހަބަރު ރ. އަތޮޅު ކައުންސިލުން އަޑުއެހީ ނުހަނު ސިހުމާއި ހިތާމައާއެކުގައި ކަމަށެވެ. އަދި މި ލާއިންސާނީ އަމަލު އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ހާމަނާއީގެ އިތުރުން އީރާނުގެ ބައެއް އިސްވެރިން ވެސް ޝަހީދުވި މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، ދައުލަތްތަކުގެ ސިޔާދަތާއި، އިންސާނީ ކަރަމާތުގެ އަސާސީ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ހިޔާލުތަފާތުވުންތަކާ ސަރަހައްދީ ނުތަނަވަސްކަމަކީ، ޝަރުއީ އިމުން ބޭރުން މީހުން މެރުމާއި، ހަމަނުޖެހުން އިތުރުވެ ކުށެއް ނެތް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކުރުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ. އަދި ދައުލަތްތަކުގެ އިސްވެރިން އަވަހާރަކޮށްލުމަކީ ދުނިޔޭގެ ހަމަޖެހުން ގެއްލި، ބަދަލު ހިފުމުގެ ސިލްސިލާތައް ފެށި، ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރުމަށް އޮތް ފުރުސަތުތަކަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެގެ ސުލްހަވެރި އަދި ކެތްތެރި މުޖުތަމައުގެ ބައެއްގެ ގޮތުގައި ތިބެ، ރ. އަތޮޅުގެ ރައްޔިތުން ތިބީ ކޮންމެ ސިފައެއްގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި، ސިޔާސީ އަނިޔާވެރިކަމާއި، އާންމުންނާއި ލީޑަރުންނަށް އަމާޒުކޮށް ހިންގާ އުދުވާނުތަކާ ދެކޮޅަށް ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް މަރްހޫމުންގެ އާއިލާތަކަށް ރ. އަތޮޅުގެ ރައްޔިތުންގެ އިހުލާސްތެރި ތައުޒިޔާ ރައްދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށާއި، ބައިނަލްއަގުވާމީ ހަމަތަކަށް އިހުތިރާމް ކުރުމަށާއި، ހާރިޖީ ދާއިރާގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ސަރަހައްދީ އަދި ދުނިޔޭގެ ދާއިމީ ސުލްހަ ބިނާވެފައި ވަނީ މަޝްވަރާ އާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހްތިރާމާއި، ގާނޫނީ އިމުގެ ތެރެިން ކަންކަން ނިންމުމުގެ މައްޗަށް ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.