ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ އިމާރާތުން ވެއްޓި ބަނޑަށް ދަނގަޑެއް ހެރި، ބިދޭސީ އަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ. 

 ކޮންކްރީޓްގެ ބަދަލުގައި ދަގަނޑު ބޭނުންކޮށްގެން ހަދަމުން އަންނަ މި އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ 30 އަހަރުގެ ފިރިހެނަކަށެވެ.  އޭނާ އިމާރާތުން ވެއްޓުނު ވަގުތު ބަނޑަށް ދަގަނޑު ހެރުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.  

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެނައުމާއެކު އޭނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފަ އެވެ. އެގޮތުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި އޭނާ މިހާރު އޮތީ ސާޖަރީ ހެދުމަށް އޮޕަރޭޝަން ތިއޭޓަރުގަ އެވެ.

މި ހާދިސާއާ ގުޅިގެން އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލީ މައުލޫމާތު ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި އޭނާގެ ހާލަތު ސީރިއަސް ކަމަށާއި، ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ސަބަބުން ރާއްޖޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް އާއްމުގޮތެއްގައި ހިނގަމުންދާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށް ވެސް ބުނެ އެވެ.

މިފަދަ ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނޭޅުމަކީ، މިފަދަ ހާދިސާތައް ތަކުރާރުވުމަށް ދިމާވާ މައިގަނޑު ސަބަބު ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުންފުނިތަކުން ބޮޑެތި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެކަން ނުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ގިނަ ފަރާތްތަކުން ގޮވާލަ އެވެ.