ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ހޯމަ ދުވަހު ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސަރުކާރަށް ނޫނެކޭ ބުނުމަށް ކުރާ މަސައްކަތަކީ ޤައުމީ އަދި ދީނީ މަސައްކަތެއް ކަމަށާއި އެމްޑީޕީ އިން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރުވެރިކަން ކަމަށް ފާހަގަކުރައްވައި ޝާހިދު ވަނީ ރައްޔިތުންނަށް ބާރުވެރިކަން ދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ފާހަގަކޮށްފަ އެވެ. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް މި ސަރުކާރުން ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ބާރުވެރިކަމަށް. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި އަސް ޑިމޮކްރަސީ ބާރުވެރިކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ. ވަކާލާތު ކުރަނީ ޚުދުމުހުތާރުކަމަށް. ޑިމޮކްރަސީ އަކީ ރައްޔިތުންގެ އަޑު އެހުން. ރައްޔިތުންގެ ބާރު. ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު ރައްޔިތުންގެ ވެރިކަން ކޮށްދިނުން." ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ އެ ނިޒާމް ފުނޑާލަން މަސައްކަތް ކުރާ ބަޔަކު ޑިމޮކްރަސީ އަށް މަސައްކަތް ކުރާ ބަޔަކަށް ނުވާނެ  ކަމުގަ އެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރާއި ސަރުކާރުގެ ވެރިންނަކީ ޑިމޮކްރަސީ އަށް އިޙުތިރާމް ކުރާ ޑިމޮކްރަސީ އަށް ބޯ ލަނބާ ބައެއް ނޫން ކަމަށެވެ. އިންތިޚާބުތަކަކީ ރައްޔިތުންގެ މުހުތާދުތައް ފުރިހަމަ ކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެކަން ހަނި ކުރުމަކީ އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަމަށް ޝާހިދު ވަނީ ސިފަކުރައްވާފަ އެވެ. 

"މިއަދުގެ ވެރިކަމަކީ ޚުދުމުހުތާރުކަމަށް މަގު ކޮށަމުންދާ އަނިޔާވެރި ޖައްބާރު ވެރިކަމެއް. ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލަން މި އުޅުއްވަނީ. ރައްޔިތުންގެ އަޑު އަހަން ޖެހޭ ވަރު މަދު ކުރަނީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ސަރުކާރުން އިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.