65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ އުނިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާ ކަމަށެވެ. ނަމަވެސް ޚަރަދު ކުޑަ ކުރަނީ ޖުމްލަ ބަޖެޓުން ނޫން ކަމަށާ އެކަން ކުރަނީ ރައްޔިތުންގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ އުނިކޮށްގެން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ މިދިޔަ 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. 

މިދިޔަ އަހަރުގެ ބަޖެޓަށް ބަލާލީމަ ވެސް އަޅުގަނޑުމެންނަށް އެނގޭނެ، ބަޖެޓުން ޚަރަދު ކުޑަކޮށްފަ ވަނީ ރައްޔިތުންގެ ތަރައްގީއަށް މިދިޔަ 2025 ވަނަ އަހަރުގެ ބަޖެޓުގައި ޖެހި 12.7 ބިލިއަން ރުފިޔާ އިން. އަދި ރައްޔިތުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގަ ޖެހި ދޮޅު ބިލިއަން ރުފިޔާ އާ މިފަދަ އެތައް، ރައްޔިތުންނާ ގުޅުންހުރި ފައިސާތަކަކުން ޚަރަދު ކުޑަ ވި. ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ގެއްލިގެން ހިނގައްޖެ. މި ޚަރަދު ކުރި ތަނެއް ނޭނގެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ޚަރަދު ކުޑަ ވާނެ ގޮތަކީ ހަމައެކަނި މިއީ ކަމަށެވެ. އެގޮތުން އިންތިޚާބުތައް މަދު ކުރުމުން ރަށްރަށުގެ ތަރައްގީ ހުއްޓޭނެ ކަމަށާ ރަށްރަށުގެ ތަރައްގީ ހުއްޓުމަކީ އެއީ ސަރުކާރަށް ނޫނީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތަކުން ޚަރަދު ކުޑަވާނެ ގޮތެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

އެއް މިސާލަކީ މިއަދު އެބައޮތް މަޖިލީހަށް ހުށަހެޅިފަ، އެމްޑީޕީ އިން އެންމެ ފަޚުރުވެރިވާ އެއް ކަމަކީ 65 އަހަރުވާ މީހުންނަށް އެމްޑީޕީ ސަރުކާރުން ދޭން ފެށި 2000 ރުފިޔާ. މިއަދު އެއީ 5000 ރުފިޔާ. އެ އުނި ކޮށްލަން މިއަދު އެބައިން މަޖިލީހަށް ބިލެއް ހުށަހަޅާފަ. ކޮން ރައްޔިތަކަށް ތޯ އެނގެނީ މިކަން ހުށަހަޅާފަ އޮތްކަން.  
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ކަންތައްތަކަކީ މިއީ ކަމަށެވެ. އެހެންކަމުން ޚަރަދު ކުޑަކުރަން މި އުޅެނީ ރައްޔިތުންގެ ތަރައްގީއާ ރައްޔިތަކަށް ލިބޭ އެއްޗަކުން ކަން ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.