މިއަދު ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް
ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން،
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެމްބަރު ޣަފޫރު އެފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ވާހަކަ
ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީން މިއަދު ކުރަމުންދާ މަސައްކަތަކީ
މި ސަރުކާރުން ކަންކަންކުރަމުންދާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ މަސައްކަތް
ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުތައް ސަރުކާރަށް ދީގެން
ރައްޔިތުންނަށް އެކަމުން ކުރާނީ ގެއްލުން ކަމަށެވެ.

މެމްބަރު ވަނީ އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އަވަހާރަވުމާއި ގުޅިގެން ބައިދަނޑިއަށް ދިދަ ތިރިކޮށްލަންވެސް މި ސަރުކާރަށް ނުކެރުނުކަން
ފާހަގަ ކުރައްވާފައެވެ. ނުވިތާކަށް އެކަން ކުށްވެރިކޮށްލަންވެސް މި ސަރުކާރަށް
ނުކެރުނުކަމަށް މެމްބަރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، މިއީ އިސްލާމް ދީން ރައްޔިތުންނަށް ދައްކައިގެން އައި
ސަރުކާރުގެ ޙާލަތު މިއަދު އޮތް ގޮތް ކަމަށެވެ.

ހެޔޮ ނުވާނެ 

އަޅުގަނޑުމެން މި އަންނަ ދެ އިންތިޚާބުގައި މި ސަރުކާރަށް ވޯޓު ދޭން، އެކަން އަޅުގަނޑުމެންގެ ލޯމައްޗަށް ހާމަވަމުން މި ދަނީ، ލޯކަލް ކައުންސިލް އިންތިޚާބުވެސް ސަރުކާރަށް ދޭން ހަމަ ހެޔޮނުވާނެ،

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މީގެ އިތުރުން، މި ކަންކަން މިއަދު ހިނގަމުންދަނީ ރަނގަޅަށްތޯ ދީނީ
ބޭފުޅުންވެސް ވިދާޅުވާންވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މުސްލިމުންނަށް
ޙައްޤު ބަސް ބުނުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން
ފެންނަނީ ހަމައެކަނި މަކަރާއި ހީލަތްކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

 މިކަންކަން މިހެން އޮތުމުން އެނގިގެންދަނީ
މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން ކަމަށް މެމްބަރު
ވިދާޅުވިއެވެ.

 އެ އޮތީ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ތަންފީޒުކުރަން ނިންމާފައި، މަރުގެ ޙުކުމް ތަންފީޒު ކުރާކަށްވެސް މި ސަރުކާރަކަށް ނުކެރޭނެ، އެހެންވީމާ ނުކުމެ ރައްޔިތުންގެ ކުރިމަތީގައި ދީނޭ ކިޔައިގެން ގަދަ ބަސް ބުނުމަށްވުރެ މާ ރަނގަޅުވާނެ އަމިއްލަށް ރަޖާ ލައިގެން ގޭގައި އޮތިއްޔާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެމްބަރު ވަނީ މި ސަރުކާރުން ވައުދު ފުއްދުމުގެ ބަދަލުގައި ރައްޔިތުންނަށް
ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުންދާކަމަށް ވިދާޅުވެ، އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް
ރައްޔިތުންނަށް ގޮވާލައްވާފައެވެ.