އިންޑޮނޭޝިއާގެ ނޮދަން ސުމަޓްރާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާ އޭގެ ސީދާ ނުރައްކަލެއް ރާއްޖެ އަށް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. 

މެޓް އޮފީހުން ބުނީ އަންގާރަ ދުވަހު މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ހެނދުނު 09:56 ހާއިރުގައި ކަމަށެވެ. 

ރިކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައި ވަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ގާތްގަނޑަކަށް 2581 ކިލޯމީޓަރު ދުރުން ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އެ އިދާރާ އިން ބުނީ މި ބިންހެލުމާ ގުޅިގެން ރާއްޖެ އަށް ސީދާ ނުރައްކަލެއް ނެތް ކަމަށެވެ. އަދި ބިންހެލުމުގެ ސަބަބުން ސުނާމީގެ ބިރުވެރިކަން އޮތްތޯ ވެސް ބަލާފައިވާ ކަމަށާ ރާއްޖެއަށް އެފަދަ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. 

އިންޑޮނޭޝިއާ އަކީ "ޕެސިފިކް ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރު، ބިންހެލުން ގިނައިން އަންނަ ސަރަޙައްދެއްގައި އޮންނަ ގައުމެކެވެ. މި ސަރަހައްދަކީ ބިމުގެ އެކި ފަށަލަތައް ގުޅޭ ހިސާބުކަމުން، އެތަނުގައި ބިންހެލުން އައުމަކީ އާންމު ކަމެކެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ވެސް އެ ގައުމަށް ވަނީ ބިންހެލުމެއް އައިސްފަ އެވެ.  އޭގެ އިތުރުން މިދިޔަ 2025 ވަނަ އަހަރުގެ ފަހުކޮޅޫވެސް ބިންހެލުމެއް އައިސްފައި ވެ އެވެ.  މެދުތެރޭ ސުލަވެސީ ގައި ހިނގި މި ހާދިސާ ގެ ސަބަބުން 29 މީހުންނަށް އަނިޔާ ވެސް ވެފައި ވެ އެވެ.