ރާއްޖޭގެ ޑިމޮކްރަސީ އަަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރިބިއުޝަން އަކީ ސުމެއް ކަމަށާއި އެމަނިކުފާނު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގައި ރައީސް އަކީ އޭރެއްގައި އެންމެ ބޮޑު ފައިދާ އެއް ވާ ތަނަކަށް ދާ އޮޕޮޗުނިސްޓެއްގެ ގޮތުގައި މީކާއިލް ވަނީ ސިފަކުރައްވާފަ އެވެ. އަބަދުވެސް އެންމެ ބޮޑަށް ފުރުސަތު އޮންނަ ދިމާލަކަށް ސިޔާސީ ގޮތުން ރައީސް މުއިއްޒު ވަޑައިގަންނަވާ ކަމަށް ސިފަކުރައްވައި މީކާއިލް ވަނީ ރައީސް މުއިއްޒު އަކީ ސިޔާސީ ކުލަ އާއި ދުލި އިރުއިރުކޮޅާ ބަދަލުކުރައްވާ ބޭފުޅެއް ކަމަށް ފާހަގަކުރައްވާފަ އެވެ.

"ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ އޮޕޮޗުނިޒަމް. ހިހޫތަނުން ކޮޅު ގޮހޮރަށް ކެއުން. ސިޔާސީ ހަޔާތް ފެށްޓެވީ އަދާލަތު ޕާޓީ އިން. ދެން ދުލި ބަދަލުކުރައްވައިގެން ސަން ސިޔާމް އަރިހުގައި. ދެން ޔާމީން އަރިހުގައި ހުންނެވީ. މިހާރު އެ މަނިކުފާނުގެ ކަރުގައި ޖައްސަވާ އެ ހުންނެވީ ޕީއެންސީ ނަންގަވައިގެން. އެހެންވީމަ ޑިމޮކްރަސީގެ ވާހަކަދައްކަވަން ރައީސް މުއިއްޒު ރީއްޗެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

4 އެޕްރީލްގައި ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ފޮރުވިގެން ތިބެ ސިއްރުން ބާއްވާ އިންތިޚާބެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އިންތިޚާބުތައް ގިނަ ވުމުން އުނދަނގޫވާ ކަމަށް ސަރުކާރު ކެނޑިޑޭޓުން ބުނާ އަޑު އިވޭ ކަމަށް ފާހަގަކުރައްވައި މީކާއިލް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ އައުމުގެ ކުރިން ދިމާވި ކަންތައްތައް ހަނދާން ނައްތާލަން އެމްޑީޕީ އަށް ފަސޭހަ ނޫން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

"ޖަލުގައި މަރާލި އިވާން ނަސީމްގެ މަރު މި ޕާޓީގެ މެމްބަރުންނަށް އެހާ ފަސޭހަ އެއް ނޫން. ފަޅެއް ތެރޭ އެއްލާލާފައި އޮތް ސޮލާހުގެ މަރު ފަސޭހަ އެއް ނޫން. 7 ފެބްރުއަރީގައި ކުރި ބަޣާވާތް ފަސޭހަ އެއް ނޫން. ރިޟްވާން އާއި ޔާމީން އަޅުގަނޑުމެންނަށް ފަސޭހަ އެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބުތައް އުނދަނގޫވެގެން އުޅުއްވުމަކީ ހައިރާން ވާ ކަމެއް ނޫން ކަަމަށާއި އެ މަނިކުފާނަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ބޭފުޅެއް ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ. އިންތިޚާބުތައް ގިނަ ވެގެން އުނދަނގޫވެގެން އުޅުމަކީ ޑިމޮކްރަސީ އާއި ޑިމޮކްރަޓިކް ނިޒާމުގެ އިންތިޒާމްތަކާއި މެދު އުނދަނގޫވެގެން އުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.