ޑޮލަރު ލިމިޓާ ގުޅޭގޮތުން ރައީސް ޑރ
މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްވާނަމަ އެކަމެއް ކަނޑައެޅިފައިވާ ވަގުތަށް
ފުއްދަވައިދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު އެފަދައިން ވިދާޅުވީ އަންގާރަ
ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން
ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ދޭނެ ޑޮލަރު 500ން 1000 ޑޮލަރަށް ބަދަލު
ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވާއިރު، އެކަމާ ގުޅިގެން ކުރި ސުވާލަށް
ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރައިސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ
ވައުދުފުޅުތައް ފުއްދަވާނެ ކަމަށެވެ.  

މިނިސްޓަރ ވިދާޅުވީ، އެކަމަށްޓަކައި ބޭންކް
އޮފް މޯލްޑިވްސްއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށާއި، ވައުދުގައިވާ
ތާރީޚަށް އެ ކަންކަން ފުއްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެއްވިއްޔާ އެގޮތަށް ކުރިއަށްދާނެ، ރައީސް ވިދާޅުވި ގޮތަށް އެ އެރޭންޖްމަންޓުތައް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިދޭނެ، އަދި ހަމަނުޖެހޭކަމެއް އަދި މުސްތަޤުބަލުގައި ހަމަޖެހެން އޮތްކަމެއް އެ ވިދާޅުވިގޮތަށް ހަމަޖެހެމުންދާނެ އެ ޑެޑްލައިންތަކަށް، އޭގައި ނެތް އެއްވެސް ކަހަލަ އިތުރު ކަންބޮޑުވުމެއް،
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމެން ކުޑަ
ދުވަސްކޮޅަކަށްވެފައިވާއިރު، އެކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލަށް އެދުމުން މިނިސްޓަރ
ވިދާޅުވީ، ބޭންކުން ބައެއް މައުލޫމާތު ސާފުކޮށްލެއްވުމަށްފަހު ޖަވާބެއް ދެއްވާނެ
ކަމަށެވެ. އަދި ވިދާޅުވީ، މިހާރުވެސް ބައެއް ދާއިރާތަކުން ޑޮލަރުގެ ލުއިފަސޭހަކަން
ސަރުކާރުން ގެނެސްފައިވާނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް
ކާޑުގެ ޑޮލަރު ލިމިޓް 1400އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު
ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ
ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ
އެކު ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުން ނަށް ވާނެ ފައިދާ އަކީ
ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އެއާޕޯޓުން ޑޮލަރު މާރުކުރުމުގެ ލިމިޓް އިތުރު ވުންކަމަށް
ރައީސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ބޭރުފައިސާ މާރު ކުރުމުގެ
ޤަވާއިދަށް ބަދަލު ގެނައި ފަހުންވެސް ޑޮލަރުގެ ދަތިކަން ޙައްލުނުވާތީ ގިނަ ބަޔަކު
ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.