މިދިޔަ ޖެނުއަރީ މަހުގައި "ހޯޕް އައިލެންޑް" ގެ އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވި ނަމަވެސް އެ މަސައްކަތް އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރާ ކަމަށް އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯޕް އައިލެންޑް ކުރިން ހަދަން ނިންމީ ދ. ވާނީ ގަ އެވެ. ނަމަވެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގަ އެވެ. ހޯމްލޭންޑް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މިނިސްޓަރ އިހުސާން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރޭގައި ޤާއިމްކުރަން ޖެހޭ އެންމެ ފަހު މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަން ޖެހޭތަން ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ނުކުރެ އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ސެންޓަރަލް ޖަލާއި ހޯޕް އައިލެންޑް، ދެ ޕްރޮޖެކްޓް މިއީ އެކީގައި ކުރިއަށް ގެންދާނެ ދެ ޕްރޮޖެކްޓް ކަމަށެވެ. އަދި މިވަގުތު އުތުރުތިލަފަޅަކީ ޑެޒިގިނޭޓެޑް އޭރިއާ ކަމަށާއި، އެކަމަށްޓަކައި ތައްޔާރުކުރެވެންޖެހޭ ޕްލޭންތައް ނިމި، ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތަށް ދެން ކުރިއަށްދާނެ ކަމަށެވެ. 

މަސައްކަތް ކުރީގައިވެސް ދެންނެވިހެން، ހޯޕް އައިލެންޑް ވާނީ ކޮންޓްރެކްޓް ކުރެވޭ ހިސާބަށް ގޮއްސަ. ހަމަ އެއީ، ސެންޓަރަށް ޖަލު މިހާރު ދަނީ އެވޯޑިންގ ސްޓޭޖްގެ އިވެލުއޭޝަންގެ މަރުޙަލާގައި. މި ދެ މަސައްކަތް ވެސް އެއްކޮށް ނިންމައި، މި ތަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި 2028 ގެ ފުރަތަމަ ކުއާޓަރތެރޭގައި ޚިދުމަތަށް ނެރެވޭނެ. އެހެންނަމަވެސް، ސެންޓަރަލް ޖަލު އަޅުގަނޑުމެންނަށް ބޮޑަށް ބެލެވޭ، 2027 ވަނަ އަހަރުގެ އޭގެ ބައެއް ކޮމްޕޯނަންޓުތައް ޚިދުމަތަށް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަމަށް މިހާރު މި ކުރެވޭ މަސައްކަތް މި ސްޕީޑުގައި ގެންދެވޭ ކަމަށް ވެއްޖެއްޔާ އިނގޭތޯ. 
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 

މިނިސްޓަރ ވިދާޅުވީ ހޯޕް އައިލެންޑް ކޮންސެޕްޓްގެ ތެރެއިން އެފަދަ ކުދިން އަޅުގަނޑުމެން ގާނޫނުގައި މިހާރު ދީފައިވާ ޕްރޮވިޝަންތަކުގެ އަލީގައި އެ ކުދިން މުޖުތަމަޢުން އެކަހެރިކޮށް، އެ ކުދިންނަށް މިހާރު މި އުފެދިފައި އޮތް އުނދަގޫ ނުވަތަ ހިރާސްތަކުން ފުރިގެންވާ މާޙައުލުން އެ ކުދިން ނަގާ ސޭފް މާޙައުލަކަށް ލާފައި އެ ކުދިންނަށް ބޭނުންވާ ފުރުޞަތުތައް އެ އުންމީދުތައް އަޅުގަނޑުމެން އެ ކުދިންނަށް ހޯދައިދޭނެ ކަމަށެވެ.

އަދި އެ ކުދިންނަކީ މިވަގުތު އަދި ކުށުގެ މާޙައުލުގައި އުޅުނަސް ނުވަތަ ކުށެއް ކުރެވިފައި އޮތަސް، ނުވަތަ ކުށަށް އަރައިގަތުމުގެ ރިސްކުގައި ތިއްބަސް. އެ ކަންކަމުން އެ ކުދިން ނެއްޓޭނެ މަގު ދައްކާ، ރީހެބިލިޓޭޓްކޮށް، އެކުދިންނަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ، އަދި އެކުދިންގެ މައިންބަފައިން ވެސް ފަޚުރުވެރިވެފައިވާ ގޮތަށް ކުދިންނަށް ހެދުމަށްޓަކައި ގެންދަންޖެހޭ ޕްރޮގްރާމުތައް އެ ސެންޓަރުގެ ގެންދާނެ ކަމަށް މިިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

އެހެންވީމާ، މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ، މިފަދަ ސެންޓަރެއް ގާއިމުކޮށް، ގާތްގަނޑަކަށް 400 ވަރަކަށް ކުދިންނަށް އެއް ފަހަރަށް ޚިދުމަތްދެވޭ މިފަދަ ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުން. އަޅުގަނޑުމެންނަށް މިހާރު ކުރެވުނު މަސައްކަތުގައި ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ ކުށަށް ތަޙުޤީޤުކޮށް، މި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމާއި، އަދި މި ވަގުތު މި ކަންކަމުގެ ތެރޭގައި ތާށިވެފައި ތިބި ކުދިންނަށް އެހީވެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި، އަދި ޖުމުލަކޮށް އިޖުތިމާޢީ ގޮތުން މިހިރަ މައްސަލަތައް ޙައްލުކުރުން. މިއީ އަޅުގަނޑުމެންގެ ތަފާތު މައިގަނޑު ތިން ސިޔާސަތު މިހާރު ކުރިއަށް އެނގޭތޯ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 

 މިިސްޓަރ މިފަދައިން ވިދާޅުވި ނަމަވެސް ކުރިން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ. 

މީގެ ކުރިން މެއި 2024 ގައި ވެސް މިނިސްޓަރު އިހުސާން ވަނީ ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގެ މަސައްކަތް ފެށި ކަމަށް ވިދާޅުވެފަ އެވެ. އެއިރު ވިދާޅުވީ ހޯޕް އައިލެންޑް ހެދުމަށްޓަކައި މިހާރު ކުރަމުންދަނީ އެތަނުގެ ޕްލޭނިންގެ މަސައްކަތް ކަމަށެވެ.