ވެސްޓް މެނޭޖްމަންޓް
ކޯޕަރޭޝަން ލިމިޓެޑް (ވޭމްކޯ) ގައި ކުނި އުކާލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި
ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ސިއްހަތާއި،
އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ހުރި މައްސަލަތަކެއް ހިއުމަން ރައިޓްސް
ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށާއިފިއެވެ.
އެކަން އާންމުކޮށް
އަންގާ އިއުލާނުކޮށްފައިވަނީ ބުދަ ދުވަހު އެ ކޮމިޝަނުން އާންމުކުރި
ބަޔާނެއްގައެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައަކީ ހިއުމަން ރައިޓްސް
ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފަށާފައިވާ މައްސަލައެކެވެ.
ހަމައެއާއެކު،
މި ތަހުގީގަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިއުމަން ރައިޓްސް
ކޮމިޝަނުގެ ގާނޫނުގެ ދަށުން، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް އެ ކޮމިޝަނަށް
ލިބިދީފައިވާ މެންޑޭޓުގެ ދަށުން ކުރިއަށްގެންދާ ތަހުގީގެއްކަން ވެސް
ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ
ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެގޮތުން
ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުންނާއި،
މަސައްކަތްތެރިންގެ ޔޫނިއަންތައް ނުވަތަ މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާއި،
މިކަމާ ގުޅުންހުރި އެހެނިހެން ސްޓެކްހޯލްޑަރުންނާއި، މި ތަހުގީގާ ގުޅޭ މައުލޫމާތު އެނގިފައިވާ
އާންމު ފަރާތްތަކަށް ވެސް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ވަނީ
ހުޅުވާލެވިފައެވެ.
ކޮމިޝަނުން
މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން
އީމެއިލް، ފޯނު ނުވަތަ ސީދާ ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.
މައުލޫމާތު
ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު
12:00 އެވެ.
ކޮމިޝަނުން
އިތުރަށް ބުނެފައިވަނީ މި ތަހުގީގަށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުގެ ތެރެއިން
އަމިއްލަ ވަނަވަރު ހާމަކުރަން ބޭނުންނުވާ ފަރާތްތަކަށް، ސިއްރު ހިފެހެއްޓޭނެ ގޮތަށް
މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި މައުލޫމާތު ދޭ ފަރާތްތަކުގެ
ސިއްރުވެރިކަން ކޮމިޝަނުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، މި ތަހުގީގަށް މައުލޫމާތު ދިނުމާ
ގުޅިގެން އެއްވެސް ފަރާތަކުން އެ މީހަކާ މެދު ބަދަލުހިފުމުގެ ފިޔަވަޅެއް އަޅައިފިނަމަ،
އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން އަޅާނެކަމުގެ
އިންޒާރު ވެސް ދީފައިވެއެވެ.