ހދ. ކުރިނބީ މަސްޖިދުލް އީސާ، ސޯލާ ކުރީ ކައުންސިލުން ކަމަށް ބުނެ، އެރަށުގެ ކައުންސިލަށް ވާދަކުރާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް އަމިއްލަ ފަރާތަކުން ކުރި މަސައްކަތުގެ ކްރެޑިޓް ނަގައިފި އެވެ.
ކުރިނބީގައި ހުންނަ މިސްކިތް ސޯލާ ކޮށްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް ޕީއެންސީ އިން ކުރިނބީގައި ބޭއްވި ޖަލްސާގައި، ޕީއެންސީގެ ޓިކެޓުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ މިހާރުގެ ކުރިބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް އޭނާ ގެންގުޅޭ ލިސްޓުގައި ހުރި ބައެއް ކަންކަން ހައިލައިޓް ކޮށްލާނެ ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ ލިސްޓުގައި ހުރި 75 އައިޓަމެއް އޭނާ ހިތުދަސްވާނެ ކަމަށެވެ. އަދި އެއީ އޭނާ އަތުން ހިސާބު ޖަހައިގެން ކޮށްފައި ހުރި މަސައްކަތް ކަމަށެވެ. އެގޮތުން މިސްކިތުގައި ސޯލާ "އަޅުގަނޑުމެން" ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި މީގެ ކުރިން ކަރަންޓް ބިލަށް ވަރަށް ބޮޑެތި އަދަދުތައް މިސްކިިތަށް ދައްކަމުން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އޭސީ ހަރުކުރުމުން، ކައުންސިލުން ލިބޭ ކުޑަ އާމްދަނީ އިން މެނޭޖް ނުކުރެވުމުން، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެތަނުގެ ކަރަންޓް ބިލް "ޒީރޯ" ކޮށްފައި ހުންނާނެ ކަމަށެވެ. އަދި މިއީ ކައުންސިލުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި މަސައްކަތް ކޮށްފައިވަނީ ކުރިނބީގައި އޮންނަ 'ކުރިނބީ ޔޫތް މޫވްމަންޓް އާއި ހިދުމަތް ޖަމިއްޔާ އިން ކޮށްފައިވާ މަސައްކަތެކެވެ. މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމަންޓްގެ ކުރީގެ ރައީސް އާދަމް ޝަޒީމް ވިދާޅުވީ، ކުރިނބީ މިސްކިތް ސޯލާ ކުރުމަކީ ރާއްޖޭގެ އެތައް ބަޔަކު އެކަމަކަށް އެހީތެރިކަން ލިބިގެން ކުރިކަމެއް ކަމަށެވެ. މިގޮތުން ކްރައުޑް ފަންޑިންގެ ގޮތުގައި ޖަމިއްޔާ އިން 130،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ.
އެއަށްފަހު ހިދުމަތް ޖަމިއްޔާއިން ބިނާ ޕްރޮޖެކްޓް މަސައްކަތް ކުރުމަށް އެރަށަށް އައިސް ޖަމިއްޔާއާ ބައްދަލުކުރި އިރު ސޯލާ ޕްރޮޖެކްޓަކަށް އެހީތެރިކަން އެދުމުން އެފަރާތުން ވަނީ އެ އެހީތެރިކަން ފޯރުކޯށްދިނުމަށް އެއްބަސްވެފައި ކަމަށެވެ. އަދި ޖަމިއްޔާ އިން ވަނީ ލިބުނު ފަންޑް އެއްކޮށް އެ ޖަމިއްޔާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސިޔާސީ ބޭނުމަށް ޕީއެންސީ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ އެ ޕްރޮޖެކްޓަކީ ކައުންސިލްގެ ޕްރޮޖެކްޓެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޝަޒީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަަށާއި، މިއީ ޖަމިއްޔާއިން ދެލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ކްރެޑިޓް ނެގުމަކީ ޖަމިއްޔާގެ މެންބަރުންނަށް ދެވޭ ދެރައެއްކަމަށް އޭނާ ވިދާޅުވި އެވެ.