ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އާންމުކޮށްފިއެވެ. 

މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައިވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓައި އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ
ހަމައެކަނި ޤަރީނާގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.

 އެހެންކަމުން
މައްސަލައިގެ ދައުވާލިބޭ ފަރާތްތައް ކުށްވެރިވާކަމަށް ކަނޑައެޅޭނީ މައްސަލައިގެ ވަށައިގެންވާ
އެންމެހާ ވާޤިއާތަކާއި ވަށައިގެންވާ ޙާލަތުތައް ހުރީ ދައުވާލިބޭ މީހުންގެ މައުސޫމުކަމާ
ފުށުއަރާ ގޮތަށްކަމަށް ވާނަމަ ކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ހެކީގެ ސިލްސިލާ މެދުނުކެނޑި
އޮންނަން ޖެހޭނެ ކަމަށާއި، ދައުވާލިބޭ މީހުންގެ މައުސޫމުކަމަށް އިޝާރަތްކުރާ
އެއްވެސް ވާޤިއާއެއް އޮވެގެން ނުވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކަންކަން ހުރީ ސީދާ
އެގޮތަށް ނޫންކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ދިފާއުން އުފައްދާފައިވާ
ޝައްކުތައް ނަފީ ކުރެވޭ މިންވަރަށް ދައުލަތަށް މި މައްސަލަ ސާބިތުކޮށްދެވިފައި
ނުވާ ކަމަށެވެ.

އެގޮތުން ބަލާއިރު، ޙާދިސާ ހިނގި ނެތްކަމުގެ ދިފާއު
ފައިޙްއާއި ސިރުހާންގެ ފަރާތުން ހުށަހަޅައި، އެކަމަށް ހެކިވެސް ހުށަހަޅާފައިވާ
ކަމަށާއި، އެކަމުގެ ސަބަބުންވެސް ދިފާއުން އުފެއްދި ޝައްކުތައް އިތުރަށް
ވަރުގަދަވެފައިވާކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ޤިސާސްގެ މައްސަލަތައް
ސާބިތުކުރަން ޖެހޭނީ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ
ހެކިތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތްކަމަށް ގާޒީ ވިދާޅުވިއެވެ. އަދި
މި މައްސަލައިގައި ހުށަހެޅިފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓުތަކަށް
ބަލާއިރު، ކުށްކުރީ ދައުވާލިބޭ 2 މީހުންކަމަށް ބާރު ލިބިދެނީ ވަރަށް ދަށް މިންވަރަކަށް
ކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ފިންގަރ ޕްރިންޓް އެނާލިސިސް ރިޕޯޓަށް
ބަލާއިރު، އެތަނުން ދައުވާލިބޭ ސިރުހާން އަލީގެ އިތުރުންވެސް ކާކުކަން ނޭނގޭ 7 މީހެއްގެ
ފިންގަރ ޕްރިންޓް ފެންނަ ކަމަށާއި، އެއީ ކޮން ބައެއްކަން ހޯދިފައިނުވާކަމަށް
ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ދައުވާލިބޭ ފައިޙް ނިޒާމްއާ ގުޅޭ ޑީއެންއޭ
ސާމްޕަލްއަކީ ކޮން ބާވަތެއްގެ ސާމްޕަލްއެއްކަން ތަހުގީގުގައި ހޯދިފައިނުވާތީއާއި،
ކާކުކަން ނޭނގޭ އިތުރު މީހެއްގެ ޑީއެންއޭވެސް ހަމަ އެ ސާމްޕަލްއިން ލިބިފައިވާއިރު،
އެއީ ކާކުކަން ހޯދިފައި ނެތުމުގެ ސަބަބުން ދައުލަތުގު ނަޒަރިއްޔާ ބަލިކަށިވެފައިވާ
ކަމަށް ޝަރީއަތުން ބުނެއެވެ. އަދި އޭގެ ބަދަލުގައި އެ ފިހާރައަކީ އާންމުކޮށް
މީހުން ނުކުމެހަދާ ތަނަކަށްވާތީ ކޮންމެވެސް ގޮތަކުން ފައިޙްގެ ޑީއެންއޭ އެތަނުން
ފެނުނީކަމަށް ދިފާއުން ބުނާ ބުނުމަށް ބާރު ލިބިދޭކަމަށް ޝަރީއަތުން ދެކެއެވެ.  

މީގެ އިތުރުން، މިއީ ދެ ގްރޫޕެއްގެ ދެމެދުގައި
ހިނގަމުންދިޔަ ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން ބަދަލުހިފުމަށް ކުރި
ކަމެއްކަމަށް ދައުލަތުގެ ހެއްކަކު ބުނި ނަމަވެސް، އޭނާ އެހެން ބުނެފައިވަނީ ކޮން
ހެކިތަކެއްގެ މައްޗަށްކަން މި މައްސަލައިން އެނގޭކަށް ނެތް ކަމަށާއި، އެފަދަ ހެއްކެއް
ހުށަހެޅިފައިވެސް ނެތްކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ބުނުމަށް ބާރު
ދިނުމަށްޓަކައި އެ ދުވަސްވަރު އެ ދެ ގްރޫޕުގެ ދެމެދުގައި ސިލްސިލާ މާރާމާރީތަކެއް
ހިނގައިގެން ފުލުހުން ތަހުގީގެއް ހިންގިކަންވެސް އެނގޭނެ އެއްވެސް ހެއްކެއް
ހުށަހެޅިފައި ނެތް ކަމަށެވެ. އެ ހެކިވެރިޔާއަކީ މި ކުށުގެ މޯޓިވް ސާބިތުކޮށްދިނުމަށް
ދައުލަތުން ހުށަހެޅި އެކްސްޕާޓެކެވެ.

އެހެންކަމުން މި މައްސަލައިގައި ޙުކުމް
ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި
އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް
ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ
އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ
ކަމަށެވެ.