މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައީ ސަރުކާރަށް
އެނގުމެއް ނެތި ކަމަށާއި، އެހެންނަމަވެސް ދެން ކުންފުނިތަކުން ނިންމާ ނިންމުންތައް
ރައީސުލްޖުމްހޫރިއްޔާއަށް އަންގަން ޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު
ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބައިނަލްއަޤުވާމީ ދުނިޔޭގައި
އަގަށް އަންނަ ބަދަލަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އެ ބަދަލުތަކާއެކު ރައްޔިތުންނަށް
އަންނަ ތަކުލީފު ބޮޑުވެގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް
ސައީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ދުނިޔޭގައި އަގަށް އަންނަ ބަދަލަކީ އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން، އެއީ ތެޔޮ ވިޔަސް، ގޭސް ވިޔަސް، ސިމެންތި ވިޔަސް، ކޮންސްޓްރަކްޝަން މެޓީރިއަލްއެއް ކަމަށް ވިޔަސް، އަދި އެހެން ބާވަތެއްކަމަށް ވިޔަސް.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު


ސައީދު ވިދާޅުވީ، އެއްވެސް އަގަކަށް ބަދަލު
ގެންނަނަމަ ސަރުކާރުން އެކަން ކުރާނީ އެކި ގޮތްގޮތަށް ވިސްނައި، ބަލަންޖެހޭ
ކަންކަން ބެލުމަށްފަހު ކަމަށެވެ.

އެހެންނަމަވެސް އެއް ދުވަހު އަޅާ ފިޔަވަޅު ޖެހިގެން
އަންނަ ދުވަހު ބަދަލުވާތީ އެކަމާ ގުޅިގެން ރާއްޖެޓީވީން ސުވާލު ކުރުމުން ސައީދު
ވިދާޅުވީ، ސަރުކާރާއި ސަރުކާރާ ގުޅުންހުރި ކުންފުންޏަކުން ނިންމުމެއް
ނިންމާއިރުވެސް ރައީސް ޑރ މުޙައްމަދު މުއިއްޒަށް އެކަން މިހާރު އަންގަން ޖެހޭނެ
ކަމަށާއި، މަސްދަޅުގެ އަގު ބޮޑުކުރަން މިފްކޯއިން ނިންމި ނިންމުމަކީ ސަރުކާރަށް
އެނގިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

  މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލު ގެނައިއިރު އަޅުގަނޑުމެންނަކަށް ނޭނގޭ އެކަމެއް، މިފްކޯއަކީ ވަކި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް ސަރުކާރުގެ، އަޅުގަނޑު މި ދަންނަވަނީ ކޮންމެހެން އެނގެން ޖެހޭނެ ވާހަކައެއްވެސް ނޫން، އެހެންނަމަވެސް މި ޙާލަތުގައި ސަރުކާރާއި ސަރުކާރާ ގުޅުން ހުރި އެއްވެސް ކުންފުންޏަކުން ކަމެއް ކުރެއްވިޔަސް ރައީސަށް ބޭނުންފުޅުވާނެ އޭގެ މައުލޫމާތުތައް، އެއީ ހަނގުރާމައިގެ ޙާލަތެއް ދުނިޔޭގައި ހިނގަމުންދާ ވަގުތެއް، ރައީސްގެ އޮބްޖެކްޓިވެއް ނޫން ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވުމަކީ
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

މީގެ އިތުރުން، ޓްރޭޑް މިނިސްޓަރު ގެ ހައިސިއްޔަތުން
އެކަންކަން މޮނިޓަރ ކުރުމަކީ މިނިސްޓަރު ގެ ޒިންމާއެއްކަން ފާހަގަ ކުރައްވައި
ސައީދު ވިދާޅުވީ، މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރި ވާހަކަ ފެނިގެން ދިޔައީ
ނޫހަކުން ކަމަށާއި، އެހިސާބުން އެކަމަށް އެޓެންޑުވެ އަގަށް ބަދަލު ގެނެސްފައިވާނެ
ކަމަށެވެ. އަދި އެ ބަދަލު ގެނައީ ފާޑުކިޔުންތައް އަމާޒުވެގެންނެއް ނޫންކަމަށްވެސް
ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ހަނގުރާމައެއް
ފެށިގެން ދިޔަކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެކަމުގެ ސަބަބުން ސަރުކާރާއި،
ޕްރައިވެޓް ސެކްޓަރަށް ވެސް ތަކުލީފުތައް ކުރިމަތިވި ކަމަށާއި، ނަމަވެސް ސަރުކާރުން
މަސައްކަތް ކުރީ އަވަސް ހައްލުތަކެއް ހޯދުމަށް ކަމަށެވެ.