އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި
ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ
މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެސްޓީއޯއަށް
މިހާރު ސިމެންތި ފޯރުކޮށްދޭ މާކެޓުތަކުން ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ، އެ މުދާ
އެތެރެކޮށްދޭނެ އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާނެ
ކަމަށެވެ.
ސައީދު ވިދާޅުވީ، އެ މުދާ އެތެރެކޮށްދޭނެ އިތުރު ހަތަރު ފަރާތެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި،
މިއީ ރާއްޖެއާއި، އެކުވެރި ގައުމުތަކާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.
އެހެންކަމުން އެސްޓީއޯއިން ސިމެންތި ހުސްވާ
ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ
އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ސައީދު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އެސްޓީއޯގެ އިތުރުން
އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ގިނަ މާކެޓުތަކަކުން މުދާ ގެނައުމުގެ
މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
ރާއްޖެއަށް މެދުނުކެނޑި ސިމެންތި ލިބޭނެކަމަށް
ސައީދު ވިދާޅުވި ނަމަވެސް، ސިމެންތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އެގޮތުން ބައެއް އަމިއްލަ ކުންފުނިތަކުން ވިއްކާ ސިމެންތި ބަސްތާއެއްގެ އަގު 300
ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެކި
ފަރާތްތަކަށް އެކަމުގެ ދަތިތައް ވަނީ ކުރިމަތިވެފައެވެ.