ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ އިން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮއިކޮޓް ކުރެއްވީ އެޖެންޑާއަށް ބަދަލު ގެންނަން ކޮމިޓީގައި މަޝްވަރާކޮށްފައި ގުޅާނެ ކަމަށް ވިދާޅުވުމުން ކަމަށާއި، އެއިރު ފޯނު ވެސް ރަނގަޅަށް ނުބޭއްވޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއިން 6 ވަނަ ދުވަހު ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދާއި ކުރީގެ ޗެއަޕާސަން ފައްޔާޒަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިން ކަމަށާއި، އެކަން ކުރީ ގަޕޯ ރާވައިގެން ކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން ގަޕޯ ވިދާޅުވީ އެެރޭގެ ޖަލްސާގައި ވާހަކަ ދައްކާގޮތަށް ހަމަޖެއްސީ ޕާޓީގެ ރައީސް އާއި 5 މޭޔަރުންނާއި ޑަބްލިއުޑީސީ 5 ރައީސުންނާއި ކޮމިޓީތަކުގެ ޗެއަރތައް ކަމަށެވެ. އިތުރު އެއްވެސް މީހަކު ވަހަކަ ދައްކާ ގޮތަކަށް ޕްރޮގްރާމް ހަމަޖެހިފައި ނެތް ކަމަށާއި، އެ ދުވަހުގެ 2 ޖެހި އިރު ޕްރޮގްރާމް ފައިނަލް ކޮށްފައި މެންބަރު ކުޑޫއާއި ހަވާލުކުރެއްވި ކަމަށެވެ. އަދި އެފަހުން ފައްޔާޒު އަދި ރައީސް ނަޝީދުގެ ފޯނު ކޯލެއް އޭނާއަށް އެރޭ ލިބުނު ކަމަށެވެ. 

އެއަށްފަހު އެ ރޭ ފައްޔާޒު ގުޅާފައި ބުނީ ތިމަންނާ ވާހަކަ ދައްކަން ބޭނުމޭ. ފައްޔާޒު ކައިރި ބުނިން އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ ވާހަކަ ދައްކާފައި އަޅުގަނޑު ގޮތެއް ނިންމާފައި ޖަވާބެއް ދޭނަމޭ. ހަމަ އެ ކޯލް ބޭއްވި ތަނާ ރައީސް ނަޝީދު ގުޅުއްވި. ގުޅާފަ ބުނީ ތިމަންނަ އަށް ވަހަކަ ދައްކަން ފުރުސަތު ދޭންޖެހޭނޭ. އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީ. ކަންކަން ނިންމާނީ ކެމްޕޭން ކޮމިޓީގައި މަޝްވަރާކޮށްފައޭ އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ. އެހެން ބުނެފަ ފޯނު ނުބޭއްވޭ ބްރޭކިންގ ނިއުސް އަށް އަރުވައިފި ޖަލްސާ ބޮއިކޮޓް ކުރި ކަމަށް. އެއީ އެކަން ހިނގައިދިޔަ ގޮތަކީ. ދެން އަޅުގަނޑު ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެހެންކަމެއް ކޮށްގެން މިތަނުގައި އަޅުގަނޑު ކުރި ކަމެއް ފެންނަން ނެތް. ޖެހިގެން އައި ދުވަހު ޖަލްސާއެއް ބާއްވާފައި އެންމެން ވާހަކަ ދައްކާގޮތަށް ހެދޭނެ ފުރުސަތު އެބައޮތް ނޫންތޯ. ވެގެން މިއުޅޭގޮތަކީ ވޭތުވެދިޔަ 3 އިންތިހާބުން ފެއިލްވީ. 4 ބައި އިލެކްޝަނުން ފެއިލްވި. ޕާޓީ މަގުމަތިވެފައި އޮތް ވަގުތު އަޅުގަނޑު ނުކުމެ ތެދުވެ ޕާޓީ ކޮޅަށްޖެހީ. އެކަން ދަންނާނެ މިތާތިބި އެންމެން. 
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ

ފަޕޯ ވިދާޅުވީ މިއަދު ޕާޓީއަށް ކާމިޔާބީއެއް ލިބުނީމާ އެ ކްރެޑިޓް އޭނާއަށް ދޭން ވިދާޅުނުވާ ކަމަށެވެ. އަދި އެ ކާމިޔާބީ އަކީ ޕާޓީގެ މެންބަރުންނާއި ދާއިރާތަކުގައި ތިބި އެންމެން ކުރި މަސައްކަތް ކަމަށެވެ. އަދި އެ ހަގީގަތް މިއަދު ގަބޫލުކުރަންޖެހޭ ކަމަށާއި، މިއަދު އޭނާ ކަތިލުމުން މިކަމެއް ފުރިހަމަވެގެން ނުދާނެ ކަމަށެވެ. އަދި މިއަދު އެ ކަތިލެވެނީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން ފައްޔާޒުގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.