މިނިވަން މުއައްސަސާތަކާއި ޖުޑީޝިއަރީގައި ތިއްބެވި ބޭފުޅުން މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކެ ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ރައީސް މުއިއްޒުގެ ބާރާއި ނުފޫޒުން މީހުން އައްޔަންކުރި ކަމުގައި ވި ނަމަވެސް އެ މުއައްސަސާތަކުން މިހާރު ސަރުކާރަށް ބިރުގަންނަން ނުޖެހޭނެ ކަމަށެވެ. އަދި މުޅި ނިޒާމު ސަރުކާރުން ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، ރައްޔިތުންނާ ޖެހުމުން ރައްޔިތުން ސާފުކޮށް ބަސްބުނާނެކަން މިހާރު ހާމަވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިވަން މުއައްސަސާތަކުން މިހާރު މި ސަރުކާރު، ނޫނީ ރައީސް މުޢިއްޒު ދެކެ ބިރުގަންނާކަށް ޖެހިލުންވާކަށް ނުޖެހޭ. އަދި ރައީސް މުޢިއްޒުގެ ބާރާއި ނުފޫޒުން އެތަންތަނަށް މީހުން ޢައްޔަންކުރިކަމުގައި ވިޔަސް. އެހެންވީމާ، މިހާރު އެނގެން ޖެހޭ ޙަޤީޤަތަކީ، ކިތަންމެ ގޮތަކަށް ކިތަންމެ ބޭނުންވާ ގޮތަކަށް މުޅި އެތި ބައްޓަންކޮށްފައި އެކަން ގެންދިޔަޔަސް ރައްޔިތުންނާ ޖެހުނީމާ ރައްޔިތުން މިކަން ސާފުކޮށް ބަސްބުނާނެ. މިއަދު އެތަން ފެނިގެންދިޔައީ. ހުރިހާ މިނިވަން މުއައްސަސާއެއް އޮތީ މުޢިޒުގެ ކޮންޓްރޯލްގައި، ފުރިހަމަ ބާރުގައި، އެހެންނަމަވެސް، ހަމަ ރައްޔިތުން އެއޮތީ ވަރަށް ސާފުކޮށް ދުވަހަކު ވެސް މީގެ ކުރީގައި އިންތިޚާބަކުން ނުގުނާވަރަށް، ހަމަ ލަދުވެތިވާ ވަރަށް ހަމަ އެއޮތީ ބޮޑުތަނުން ނޫނެކޭ ބުނެފައި. މުއައްސަސާތަކުގައި ތިބި ފަރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާއި، ޚާއްޞަކޮށް ޖުޑިޝަރީ؛ ސަރުކާރުދެކެ ޖެހިލުންވާންޖެހޭނެ ސަބަބެއް ނެތް. މިހާރު މި ސަރުކާރަކީ ބަލިކަށި ސަރުކާރެއް. ވަގުތީ ސަރުކާރެއް. މިހާރު ދެން އެ ފަރާތްތަކުން ދާންވީ، ރައްޔިތުން އެ ބުނިގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނާ އެއްކޮށް ކުރިއަށް ދާންޖެހޭނެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

މިދިޔަ އިންތިޚާބުގެ ނަތީޖާ އަށް އިޝާރާތް ކުރައްވަމުން ޔައުގޫބް ވިދާޅުވީ، ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ނަމަވެސް، ރައްޔިތުން ނުކުމެ ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފައިވާ ކަމަށެވެ. މިއީ މީގެ ކުރިން އިންތިޚާބަކުން ފެނިފައި ނުވާ ފަދަ ލަދުވެތި ނަތީޖާއެއް ކަމަށާއި، އެހެންކަމުން މުއައްސަސާތަކާއި، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، ޚާއްޞަކޮށް ޖުޑީޝިއަރީ އިން ސަރުކާރު ދެކެ ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޔައުގޫބް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ މިހާރު ބަލިކަށި، ވަގުތީ ސަރުކާރެއް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ދެން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ވަޒީފާގެ ބިރުދެއްކުމާއި އޮޅުވާލުމަކީ މި ސަރުކާރުގެ މައިގަނޑު ހަތިޔާރު ކަމަށް ބަލައިގެން ކުރިއަށްދާ ދިއުން މިހާރު ނިމުމަކަށް އަންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ބިންގާ އެޅުމާއި އެކި ކަހަލަ ކަންކަން ކުރައްވަމުން ގެންދެވީ ރައްޔިތުން ވޯޓުދޭނެ ކަމަށް ހީފުޅުކޮށްގެން ކަމަށާއި، ނަމަވެސް ރައްޔިތުން މިހާރު އޮތީ ސަރުކާރަށް ރަނގަޅު ފިލާވަޅެއް ދީފައި ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެން މި ސަރުކާރުގެ އެއްވެސް ބާރެއް ނޯންނާނެ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.