ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި،
ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފަރާތްތަކުގެ
މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ޙުކުމް ކުރަން ތައްޔާރުވެއްޖެއެވެ.
މި މައްސަލައިގެ ޙުކުމް ކުރުމަށް ތައްޔާރުވެފައި މިވަނީ މައްސަލައިގެ ޝަރީއަތް ދިގުލައިގެންދާކަމުގެ ކަންބޮޑުވުން ދައުވާލިބޭ ފަރާތްތަކުގެ އާއިލާތަކުން ދައުލަތުގެ އެކިއެކި އިދާރާތަކަށް އެކި ފަހަރުމަތިން ހުށަހަޅާފައިވަނިކޮށެވެ.
ޕީޖީ އޮފީހުން ބުނާ ގޮތުގައި މި މައްސަލައިގައި
ހައްޔަރު ކޮށްފައިވާ މީހުންނަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ
އިރުސާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް
ހިތްވަރުދީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އައި.ޑީ) އެއް ތައްޔާރުކުރުމަށްފަހު
ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި ގޮއްވާލަން ތައްޔާރުވަމުން ދިޔަ ބައެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިކުރުވުމަށް ތައްޔާރުވެ، ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީންތައް
ހަދަމުންދިޔުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން
ރަށުގެ ބައެއްގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި
ފިކުރުގެ ދަރުސްތައް ބާއްވަމުން ދިޔަކަމަށްވެސް ދައުލަތުން ތުހުމަތު ކުރެ އެވެ.
އަދި ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ
ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރަމުން ދިޔުމާއި، ހަރުކަށި
ފިރުކުރުގެ ފަރާތްތަކާއި ގުޅުންއޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ
ކަމަށްވެސް އެމީހުންގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.
މި މައްސަލައިގައި ދައުލަތުން 8 މީހެއްގެ މައްޗަށް
ދައުވާކޮށްފައިވެއެވެ.
ދަޢުވާލިބޭ މީހުން:
1.
ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު
2.
ތ. ތިމަރަފުށި، އަސުރުމާގެ މުޙައްމަދު އާސިރު
3.
ތ. ތިމަރަފުށި، ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް
4.
ތ. ތިމަރަފުށި، އަސްރަފީވިލާ އަޙްސަން މުޙައްމަދު
5.
ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު
6.
ތ. ތިމަރަފުށި، ސައިމާ ޝަމާޙު ޝަރީފް
7.
ނ. ކުޑަފަރި، ރޯޒްމީޑު އިބްރާހިމް ލޫޠު
8.
ރ. ކަނދޮޅުދޫ،
ޢަލީ އަރުހަމް މުޙައްމަދު
މި މައްސަލާގައި ކޮށްފައިވާ ދަޢުވާތަކަށް ބަލާއިރު،
ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން،
ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުން، ހަނގުރާމައަށް
ދާން އުޅުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން،
އަދި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.
މި މައްސަލައިގެ ދައުވާތައް ކޯޓަށް
ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. އަދި މި މައްސަލައިގެ ޝަރީޢަތުގެ އެންމެހައި
އަޑުއެހުންތައް ނިންމާލާފައިވަނީ 8 އެޕްރީލް 2026 ގައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި
ދެފަރާތުން ޚުލާޞާކޮށް ވާހަކަދައްކައި، ފަހު ބަސް އިއްވާފައިވެއެވެ.
އެހެންކަމުން ދެން އޮންނާނީ މި މައްސަލާގައި ކޯޓުން
ގޮތެއް ކަނޑައެޅުމެވެ.
ޖިނާއީ އިޖުރާއަތު ޤާނޫނު ބުނާގޮތުން ޚުލާޞާ ބަޔާން
ހުށަހެޅުމުގެ އަޑުއެހުން ބޭއްވޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމްކުރަންޖެހޭނެއެވެ. އެހެންކަމުން 8 މޭ 2026 ގެ ކުރިން މި މައްސަލާގައި ކޯޓުން
ގޮތެއް ނިންމަވާނެކަމަށް ބެލެވެއެވެ.