ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ
އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކަށް ފުރިހަމަ ފަރުވާ ނުދެވި އުޅެނިކޮށް
ނިޔާވި މައްސަލައިގައި ސުވާލު ކުރުމުން، އެފަދަ ވާހަކަތަކަކީ މީޑިއާތަކުގައި ދައްކަންޖެހޭ ވާހަކައެއް ނޫންކަމަށް ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. 

އެ މައްސަލައިގައި އިހުމާލުވާ
ފަރާތެއް ހޯދިފައިވޭތޯ އާއި މިހާތަނަށް އެކަމާ ގުޅިގެން ފިޔަވަޅެއް އަޅާފައިވޭތޯ
ރާއްޖެޓީވީން ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު
ކުރުމުން މިނިސްޓަރު ވިދާޅުވީ، އެ ޙާދިސާއަކީ ވަކި ސަބަބަކާ ގުޅިގެން ހިނގި ޙާދިސާއެއްކަން
ބުނުމަކީ ކުރާވެސް ކަމެއް ނޫން ކަމަށާއި، މީޑިއާގައި އެ ވާހަކަތައް ހާމަ
ކުރުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެ ކަންކަމުގެ މައުލޫމާތު
އާއިލާއަށް ފޯރުކޮށްދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ،
ސިއްޙީ ޚިދުމަތްދޭ ތަންތަނުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމުގެ
ޔަޤީންކަން ދެއްވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކަމުގެ ތަފްސީލީ
މައުލޫމާތު ދިނުމަކީ މިފަދަ ފޯރަމެއްގައި ދައްކަންޖެހޭ ޒާތުގެ ވާހަކައެއް ނޫން
ކަމަށެވެ.

އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވާނީ މީޑިއާއެއްގައި މީހެއްގެ ފުރާނަ ނިމިގެން ދިޔަ ގޮތަކީ ވަކި ގޮތެކޭ ދަންނަވަން، އެއީކީ ކުރާވެސް ކަމެއް ނޫން ވަކި ސަބަބަކާ ގުޅުވައި މިހެން ހިނގި ކަމެކޭ ދަންނަވަން، އެހެންވީމާ އެއްވެސް ޕޭޝަންޓެއްގެ ފުރާނަ ގެއްލިގެން ދިޔައީ ނޫނީ ވެގެން ދިޔައީ މިކަން މިހެން ވެގެންނޭ ކިޔާފައި މީޑިއާގައި އެހެން އާންމުކޮށް ކުރާކަމެއް ނޫން އެއީކީ
ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ނާޒިމް

އަޒާން ނިޔާވުމުގެ ކުރިން އޭނާއަށް ބޭނުންވާ ފީޑިން
ޓިއުބެއްނުލިބިގެންއޭނާ ގެ މަންމަ ސޯޝަލް މީޑިއާގައި އެ ވާހަކަ ހާމަކުރި އިރު 8 މަސް ދުވަސް ވަންދެން ހޮޅިކޮޅެއް
ނުލިބިގެން ދަރިފުޅުގެ ހައްގުގައި ކުރި މަސައްކަތަށް އެސްޓީއޯ އަކަށް ވެސް، ސިއްހީ
ވުޒާރާ އަކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް ކޮށްދެވުނު ކަމެއް ނެތެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޮޅިކޮޅު
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ގައި ވެސް ލިބެން ނެތެވެ. އެއީ ސްޓޮކް
ހުސްވެފައި ހުރުމުންނެވެ. އަދި އެހެން ފާމަސީތަކުގައި ވެސް ނެތެވެ. މީގެ ކުރިން
އެސްޓީއޯ ފާމަސީ އިން އެ ހޮޅިކޮޅު ބޭސް ސިޓީއަށް ލިބެ އެވެ. ނަމަވެސް ފަހުން
އިންޑިއާއިން 100 ޑޮލަރަށް ލިބޭ ހޮޅި ކޮޅު 13،000 ދިވެހި ރުފިޔާއަށް ވިއްކަމުން
ދިޔަ ކަމަށް ބައެއް ފަރާތްތަކުން ހުރީ ޝަކުވާ ކޮށްފަ އެވެ. 

ނަމަވެސް އެންސްޕާއިން ހޮޅި ކޮޅު ގެންނަން ހުއްދަ
ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް އެ ކުއްޖާ ވަނީ ނިޔާވެފަ
އެވެ.