ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

7 އޭޕްރީލް 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ސ. ފޭދޫ، ޝީރާޒީގެ، 32 އަހަރުގެ ޢަލީ ސާއިމްގެ މައްޗަށެވެ.

އޭނާ ގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެ އެވެ. 

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 19 އޮގަސްޓް 2024 ގަ އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާ ގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 16 އޮކްޓޫބަރު 2024 ގަ އެވެ. 

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.