ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަކާ ނުލާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނަމަ ރިޔާސީ އިންތިޚާބާ މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ ބާރު އެމަނިކުފާނަށް ލިބޭ ކަމަށް ވިދާޅުވެ، ގާނޫނު އަސާސީ އޮޅުވާލައްވަން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަސައްކަތް ކުރައްވައިފި އެވެ. 

އޭޕްރީލް 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ވަނީ ނަގާފަ އެވެ. އެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު 148،859 މީހުން ބުނެފައި ވަނީ ދެ އިންތިޚާބު އެއްކޮށްލަން ބޭނުން ނުވާ ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 67،680 މީހުންނެވެ. 

އެކަމާ ގުޅިގެން އެމްއެމްޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަ އެމަނިކުފާނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ނުގޮަސް ވެސް ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު ތަސްދީގު ކުރެވޭނެ އެވެ. އަދި ވިދާޅުވީ ކޮންމެހެން އެ ވޯޓަށް ނުގޮސް ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރައްޔިތުން ދީފައިވާ ބާރުގެ ތެރެއިން ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަ ދެ އިންތިހާބު އެއްކޮށް ބޭއްވޭނެ ކަމަށެވެ. 

ޝުޖާއު އެހެން ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު ގައި ބަޔާން ކޮށްފައިވާ ގޮތުން ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ޖެހޭނެ އެެވެ. ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރެވެ. 

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ނަމަވެސް ގާނޫނުގައި ވާ ގޮތުން މަޖިލީހުގެ އުމުރާ ގުޅޭ މާއްދާފަދަ ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށް ބަޔާން ކުރެ އެވެ. 

އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ ކަމަށް ވެސް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާން ކުރެ އެވެ. 

ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގާނޫނުގައި ސާފު ކޮށް ލިޔެފައިވާ އެއްޗެއް އޮޅޭ ގޮތަށް ޝުޖާއު ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި ރެފަރެންޑަމް ވޯޓު ނެގީ ރައީސް މުއިއްޒުގެ ދީލަތިކަމުން ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭ ގޮތަށް މެންބަރު ދެއްކެވި ވާހަކަ ގިނަ ބަޔަކު ވަނީ ކުށްވެރި ވެސް ކޮށްފަ އެވެ.