މާލޭގެ މާފަންނު، ސަބުދެލިމަގުގައި ހުންނަ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ބުރާސްފަތި ދުވަހު ވެއްޓުނު މީހާގެ ހާލު ސީރިއަސް ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ވެއްޓުނު މީހާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ. 

ފުލުހުން ބުނީ މާލޭގެ އިމާރާތަކުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނށް ލިބިފައި ވަނީ ބުރާށްފަތި ދުވަހުގެ އިރުއޮއްސި 18:20 ހާއިރު  ކަމަށެވެ. މިހާދިސާގައި ވެއްޓުނު މީހާ ވެއްޓިފައި ވަނީ 10 ވަނަ ފަންގިފިލާއިން ސަބުދެލިގެއާއި ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

މި ހާދިސާގައި އަނިޔާވި މީހާ އަކީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. 

މި ހާދިސާ ހިނގައި ދިޔަ ގޮތެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.