މީގެ ދެ ދުވަސް ކުރިން އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަ ހައްލުކުރެވޭނެ ގޮތް ހޯދައި،  މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ ތަފާތު ފިކުރަށް އަބަދުވެސް ފުރުސަތު އޮތް ޕާޓީ އެއް ކަމަށެވެ. އަދި އެއީ އަބަދުވެސް އޮންނަ ފުރުސަތެއް ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެ ޚިޔާލު ތަފާތުވުންތައް އެއްގަލަކަށް އަރުވައި، އެއްބަސް ކުރުވައި، ޕާޓީގެ މެންބަރުން އެދޭ މިސްރާބަށް ދިއުމުގައި މިހާތަނަށް އެމްޑީޕީ އިން، މީގެ ކުރިން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ ހުންނާނެ ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ޕާޓީގެ މެންބަރުން އެދޭ ގޮތަށް ހޯދަ ދީފައިވާނެ ކަމަށެވެ.

މިފަހަރު ވެސް ދިމާވީ އެމްޑީޕީ ގެ އެތެރޭގައި އަބަދުވެސް ދިމާވާ ކަހަލަ ޚިޔާލު ތަފާތުވުންތަކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް އެއީ އާންމު މެންބަރުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނައި ކަމަކަށް މިފަހަރު ވެގެން ދިޔަ ކަމަށާ އެ ދުވަހުން ފެށިގެން ޕާޓީގެ ތެރޭގައި އެކަމާ ދޭތެރޭގައި މަޝްވަރާ ނުކޮށް، ވާހަކަ ނުދައްކާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައާއެކު އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގެ އިސްކޮށް މިތިބި ހުރިހާ މީހުން މިދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެވެސް، ރޭގަ ވެސް މިއަދު ވެސް އަޅުގަނޑުވެސް ހޭދަކުރީ އެކަމުގަ. މިހާ ހިސާބަށް އާދެވުނު އިރު އަޅުގަނޑުމެން މިވަނީ މިކަމަށް ހައްލެއް ހޯދާފަ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް

ރައީސް ސޯލިހު ވިދާޅުވީ އާންމު މެންބަރުން އެދޭގޮތަށް މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯދިފައިވާ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ކުރިއަށް ދާނީ މުޅި ލީޑަރޝިޕް އެކީގައި އޮވެގެން، އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ އިން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ. އަދި ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހޫނުވެ އެޕާޓީގެ 55 މެންބަރުންގެ ސޮޔާއެކު އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ އެ މަގާމުން ވަކި ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.