މ. ވޭވަށު ކައުންސިލްގެ އިންތިޚާބުގެ ވޯޓު އަލުން ގުނުމުންވެސް އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ދެ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މުޙައްމަދު ނަޒީޙް އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އަހުޝަން ނަޢީމް އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އަހުޝަން ނަޢީމަށް ލިބިފައިވަނީ 122 ވޯޓެވެ. މުޙައްމަދު ނަޒީޙަށް ލިބިފައިވަނީ 120 ވޯޓެވެ. ވޯޓު އަލުން ގުނަން ޖެހުނީ ބާތިލު ވޯޓުތަކާ ގުޅިގެން ނަތީޖާ ކަށަވަރުނުވާ ކަމަށް ބުނެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް އިންތިޚާބުގެ ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަލުން ގުނި ނަތީޖާ އިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 83 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 76 ވޯޓެވެ.
މި ފޮށިން ވޯޓުތައް ބާތިލުވާން މެދުވެރިވީ ވޯޓު ކަރުދާހުގައި ޖަހަންޖެހޭ ރަނގަޅު ފާހަގައިގެ އިތުރުން އެކި ކުރެހުންތައް ކުރަހާފައި ހުރުމުގެ ސަބަބުންނާއި އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނައިން ނުވަތަ އެއްވެސް މީހަކަށް ފާހަގަ ޖަހާފައި ނުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވަ އެވެ.
ވޭވަށު ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 256 މީހުންނަށް ލިބިފައިވާއިރު އޭގެ ތެރެއިން 247 މީހަކު ވޯޓުލާފައިވެ އެވެ. އަދި މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ވަނީ ބާތިލުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށް ނިމިފައިވާ ކަމަށެވެ. މިހާރު ނަތީޖާ ހާމަނުކުރެވި ހުރީ ހަމައެކަނި ޝަކުވާތަކާ ގުޅިގެން އަލުން ގުނަންޖެހޭ ފޮށިތަކުގެ ނަތީޖާ އެވެ. މި އިންތިޚާބުގައި ދެލައްކަ ނުވަދިހަހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަން ފާހަގަކުރެވެ އެވެ.
މި ފޮށިތަކުގެ ނަތީޖާއާއެކު ދާއިމީ ނަތީޖާ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.