މާލޭގެ ވަށައިގެންވާ ބޭރުތޮށި އަލުން މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފި އެވެ.

ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެ ގައުމުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކުންފުންޏާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް މެއި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ އަހަރުތަކެއް ވެފައިވުމާއި، ތަކުރާރުކޮށް އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިހާރު މާލޭގައި އޮތް ބޭރުތޮއްޓަކީ 1988 އާއި 2002 އާ ދެމެދު ހަތަރު މަރުހަލާއަކަށް ބަހާލައިގެން ތަރައްގީކޮށްފައިވާ ތޮށިގަނޑެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީ އިން ހެދި ދިރާސާތަކުން އެނގޭގޮތުގައި، ގިނަ ދުވަސްވުމުން ތޮށީގެ ބޮޑު ހިލަތަކާއި ޓެޓްރަޕޮޑްތައް ވަނީ މަގާމުން ކަހާލައިފަ އެވެ. އަދި ކޮންކްރީޓް ފާރުގެ އެކި ދިމާލުން ރެނދުލައި ގެއްލުންވެފައިވާކަން މިނިސްޓްރީ އިން ފާހަގަކޮށްފައިވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުދައެރުން އިތުރުވަމުންދާތީ، މި ތޮށިގަނޑު މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ސަރުކާރުން ދެކެ އެވެ.

މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަލްމާން މިސްކިތް ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުން
މި މަޝްރޫއުގެ ދަށުން ކުރެވޭނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރާޅުގަނޑު ސަރަހައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށް ތޮށިގަނޑުގެ ބައްޓަން ރަނގަޅުކޮށް ރީ ޕްރޮފައިލް ކުރުން ހިމެނެ އެވެ. އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު މިހާރަށްވުރެ 70 ސެންޓިމީޓަރު އުސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް އެއް ތަނަކުން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ ސަރަޙައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ ޕްރޮފައިލް ކުރުން ވެސް މި މަޝްރޫއުގެ ދަށުން ކުރިޔަށް ދާނެ އެވެ.
މި މަސައްކަތް ނިމުމުން ރާޅުގަނޑު، ނޯތު ހާބަރު، ރަސްފަންނު އަދި ސުނާމީ ބިނާ ސަރަހައްދަށް ދިމާވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.