އެމެރިކާ-އިޒްރޭލުން އިރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ބައެއް ނޫސްވެރިން އުފާ ކުރާހެން ހީވާ ކަމަށާއި، ތެޔޮ ފީފީއެއްގެ އަގު 200 ޑޮލަރަށް ވުރެ މަތިވޭތޯ ދުއާ ކުރާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ ފްރޮގްރާމެއްގައި މަހުލޫފް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެމެރިކާ-އިޒްރޭލުން އިރާންއާ ދެކޮޅަށް ކުރިއަށް ކުރިއަށް ގެންދާ ހަނގުރާމައާ ގުޅިގެން އިގްތިސާދަށް އަންނަމުންދާ ބަދަލުތައް މިސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ހުރިހާ ކަމެއް މެނޭޖްކުރަމުންދާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ރާއްޖޭގެ ނަސީބު ވަރަށް ރަނގަޅު ކަމަށާއި، އޮމާނުން ޑައިރެކްޓް ކޮށް ރާއްޖެއަށް ތެޔޮ ލިބޭ ކަމަށެވެ. ނަމަވެސް ބައެއް ގައުމުތަކަށް ތެޔޮ ނުލިބޭ ކަމަށާއި، ހަނގުރާމައާ ގުޅިގެން ތެޔޮ ފީފާގެ އަގު މައްޗަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޮމާނުން ޑައިރެކްޓްކޮށް ތެޔޮ ރާއްޖެއަށް ލިބޭކަން މަހްލޫފް ފާހަގަކުރެއްވިއިރު، އެންމެ ކުރީން ފެށިގެން ވެސް އޮމާނުން ޑައިރެކްޓް ކޮށް ރާއްޖެއަށް ތެޔޮ ލިބެ އެވެ. 

ބައެއް ފަހަރު އަޅުގަނޑަށް ހީވޭ ބައެއް ނޫސްވެރިންވެސް އުޅޭހެން މި ހަނގުރާމަ ފެށުނީމަ އުފަލުން އިނގޭތޯ. އަތްމައްޗަށް ބައެއް ފަހަރު މިހެން ނަގައިގެން ތިބެގެން ތެޔޮ ފީފާއެއްގެ އަގު 200 އަށް އަރާތޯ؟ މިއީ ހަގީގަތެއް އިނގޭތޯ . ދެރަވެސްވޭ ބައެއް ފަހަރު. އެކަމަކު އަސްލު އަޅުގަނޑުމެންނަށް ހީނުކުރާ ލެވެލްއަކަށް މިކަން ގޮއްސިއްޔާ އަޅުގަނޑުމެންގެ ގައުމަށާއި އެންމެންނަށޭ އިނގޭތޯ އެ ހުރިހާ ގެއްލުމެއް ލިބޭނެ. ހުރިހާ އަނެއް އުނދަގުލެއް ވާނީ. ދެއްތޯ؟ އަޅުގަނޑުމެން އެންމެން ދުއާކޮށްގެން މިކަންކަން ސަލާމަތްވާނެ ގޮތަކާ ދޭތެރެއަށް ވިސްނަންވީ. ދެއްތޯ؟ އެހެންވީމާ، އަޅުގަނޑުމެން އެ މީހުންގެ އެކްސްޕެކްޓޭޝަންސް ބައެއް ފަހަރު ހުންނަނީ ހަނގުރާމަ އެތާގައި ކުރިއަށް ވެސް ޕެޓްރޯލްގެ އަގުވެސް ބޮޑުވެސް ވާކަށް ނުޖެހޭނެ. ތެލުގެ އަގުވެސް ބޮޑުވާކަށް ނުޖެހޭނެ. އެކަމަކު ސަރުކާރު ހަހީގަތުގައި ހާދަ ރަނގަޅަށޭ އިނގޭތޯ މެނޭޖު އެ ކުރައްވަނީ މި ވަގުތަށް ބަލާއިރުގައި އެ އުނދަގޫ ނުޖެހޭއޭ އެގޮތަށް އިނގޭތޯ. އަދިވެސް ހަމަ އެހާ ބޮޑަށް ރަނގަޅަށް މެނޭޖުކުރަމުން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މަހުލޫފް

މަހުލޫފް ނޫސްވެރިންނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވިއިރު، ހަނގުރާމައާ ގުޅިގެން އުފާކުރާ ނޫސްވެރިން ނުވަތަ އެފަދަ ގޮތަކަށް ލިޔެފައިވާ ޚަބަރެއް ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓަކުން ފެނިފައިނުވެ އެވެ.

ސަރުކާރަށް ސަނާ ނުކިޔާ މިނިވަން މީޑިއާތަކުން ދަނީ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރާއި، އަގުތަކަށް އަންނަ ބަދަލުތަކާއި އަދި ދުނިޔޭގެ ތެލުގެ ބާޒާރާއަށް އަންނަ ބަދަލުތައް ވަރަށް ގާތުން ރިޕޯޓު ކުރަމުންނެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ރައްޔިތުންނަށް ދަތިވަމުންދާއިރު، މިސަރުކާރުން ދަނީ މިކަންކަން ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.