ލޭގެ ޕްރެޝަރު
މަތިވާ ބަލިމީހުންނަށް އާންމުކޮށް ދޭ ބޭހެއް ކަމަށްވާ "ކޯވަމް 5/80" (Covam 5/80)  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފާމަސީތަކުން
ހުސްވުމާ ގުޅިގެން އެ ބޭސް ބޭނުންކުރާ ބަލިމީހުންނަށް އެ ބޭސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ
ކުރިމަތިލާން ޖެހިއްޖެއެވެ.

މި ބޭސް ހޯދުމަށް
އެސްޓީއޯގެ ފާމަސީތަކަކަށް ދިޔަ ނަމަވެސް ބޭސް ލިބެން ނެތް ކަމަށް އެތަންތަނުން
ވަނީ މައުލޫމާތު ދީފައެވެ. އަދި ބޭސް ލިބޭނެ އިރެއް ބުނަން ނޭނގޭކަމަށް ވެސް
އެސްޓީއޯގެ ބޭސްފިހާރަތަކުން ދަނީ ބުނަމުންނެވެ.

މާލޭގެ ފާމަސީތަކުން
މަޢުލޫމާތު ދޭ ގޮތުގައި، ފާއިތުވި ހަފުތާތަކުގައި މި ބޭސް ލިބުން ދަތިވެފައިވީ ނަމަވެސް،
ބޭހަށް އޮތް ޑިމާންޑަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޭސް ލިބެން ނެތުމުގެ ސަބަބުން،
ބަލިމީހުންނަށް މިހާރު މަޖުބޫރުވެފައިވަނީ އެހެން ބްރޭންޑްތަކުގެ ބޭސް ހޯދުމަށް ނުވަތަ
ބޭސް ބަދަލުކުރުމަށް ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ. ނުވަތަ އަގުބޮޑުކޮށް ޕްރައިވެޓު ތަންތަނުން ބޭސް
ގަތުމަށެވެ.

އެހެންނަމަ ވެސް އަމިއްލަ ގިނަ ފާމަސީތަކުގައި ވެސް މި ބޭސް ލިބެން ނެތް ކަމަށާއި، ބައެއް ފާމަސީތަކުން
މުޅިން ހުސްވެފައިވާ ކަމަށް ބަލިމީހުން ފާހަގަކުރެއެވެ. ކޮންމެ ދުވަހަކު ލޭގެ ޕްރެޝަރު
ކޮންޓްރޯލް ކުރުމަށް މި ބޭހަށް ބަރޯސާވާ ފަރާތްތަކުގެ މެދުގައި މިކަމުގެ ސަބަބުން މިހާރު
ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

ރާއްޖެއަށް
ބޭނުންވާ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި،
ބޭސް ހުސްވުމުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް
ބުނަމުންދިޔަނަމަވެސް، އާންމުކޮށް ބޭނުންކުރަންޖެހޭ މިފަދަ ގިނަ ބޭސްތަކެއް
ނުލިބުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ގެންދަނީ ފާޅު ކުރަމުންނެވެ.

ރާއްޖޭގެ
ހުރިހާ ސަރަހައްދަކަށް ވެސް މުހިންމު ބޭސްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ނިޒާމުތައް
ގާއިމުކުރެވިފައިވާ ކަމަށް މީގެ ކުރިން ކަމާބެހޭ އިދާރާތަކުންވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް،
ދާއިމީ ބައްޔަކަށް ބޭނުންކުރާ މުހިންމު ބޭހެއް ހޯދުމަށް ބަލިމީހުން އުފުލަމުންދާ ތަކުލީފުތަކާ
ގުޅިގެން، ބޭސް އެތެރެކޮށް ބެލެހެއްޓުމުގެ ނިޒާމާއި ސަރުކާރުން ދީފައިވާ ޔަގީންކަމާމެދު
މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި ބޭސް ހުސްވާން
ދިމާވި ސަބަބާ ގުޅޭގޮތުން ނުވަތަ އަލުން ބޭސް ލިބޭނެ ތާރީޚަކާ ގުޅޭގޮތުން ސިއްހީ ދާއިރާގެ
ކަމާބެހޭ އިދާރާތަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ އަދި
މިކަމުގައި އެސްޓީއޯގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ކަން މިހެން އޮތްނަމަވެސް، ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާ އެކަމާމެދު މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި ކުއްލި މައްސަލަވެސް ސަރުކާރުގެ މެމްބަރުން ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ބޭސް ސިޓީއަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާނޭ ސިއްހީ ތަކެތި ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާކަން ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވާ ކަމަށެވެ. 

ކުއްލި މައްސަލައިގައި ބުނީ މިފަދަ ކަންކަން މި ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި، ނާޖާއިޒް ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނަސްގެން ބޭހާ މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވާފައިވުމުން ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު މައްސަލަ ބޭރުކޮށްލަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލު ގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކިބައެއްގެ އަތުން ގަތުމަށް ރާވައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ހަގީގަތެއްކަން މެންބަރަށް ދައްކުވައިދެވިފައި ނުވާ ކަމަށެވެ. 

އެހެންކަމުން އެ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.