ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް
ޕާޓީ) ގެ ސެކެޓަރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް އެ މަޤާމުން
އިސްތިއުފާ ދެއްވައިފިއެވެ.
އެކަން ހާމަ ކުރައްވައި އެކްސްގައި
ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ޕާޓީގެ
ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ
މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް
ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން
ދިނުމަށް ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ
މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު
ކަމެއްކަމަށް ފެންނަކަމަށް ވެސް ޕޯސްޓުގައި ލިއުއްވާފައިވެއެވެ.
އެހެންކަމުން 18 އޭޕްރީލް އިން ފެށިގެން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ދަނޑިވަޅަކީ ސަރުކާރުގެ އެތެރޭގެ ހިންގުމަށް ވެސް
ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެކެވެ. އެގޮތުން ކެބިނެޓާއި އެސްއޯއީތަކަށްވެސް
ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، މިއީ ނިމިދިޔަ އިންތިޚާބުތަކުގައި
ކުރިމަތިވި ނާކާމިޔާބީއަށްފަހު ގެންނަމުންދާ ބަދަލުތަކެކެވެ.