ލޭގެ ޕްރެޝަރު މަތިވާ ބަލިމީހުންނަށް
އާންމުކޮށް ދޭ ބޭހެއް ކަމަށްވާ "ކޯވަމް 5/80" (Covam 5/80) ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ
ފާމަސީތަކުން ހުސްވެފައިވަނީ އެ ބޭސް ފޯރުކޮށްދޭ ރާއްޖޭގެ ސަޕްލަޔަރަށް ބޭސް
ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެގެންކަމަށް އެސްޓީއޯއިން ބުނެފިއެވެ.
މި ބޭސް ހޯދުމަށް އެސްޓީއޯގެ ފާމަސީތަކަކަށް
ދިޔަ ނަމަވެސް ބޭސް ލިބެން ނެތް ކަމަށް އެތަންތަނުން ވަނީ މައުލޫމާތު ދީފައެވެ.
އަދި ބޭސް ލިބޭނެ އިރެއް ބުނަން ނޭނގޭކަމަށް ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން
ދަނީ ބުނަމުންނެވެ.
މާލޭގެ ފާމަސީތަކުން މަޢުލޫމާތު ދޭ ގޮތުގައި،
ފާއިތުވި ހަފުތާތަކުގައި މި ބޭސް ލިބުން ދަތިވެފައިވީ ނަމަވެސް، ބޭހަށް އޮތް
ޑިމާންޑަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޭސް ލިބެން ނެތުމުގެ ސަބަބުން،
ބަލިމީހުންނަށް މިހާރު މަޖުބޫރުވެފައިވަނީ އެހެން ބްރޭންޑްތަކުގެ ބޭސް ހޯދުމަށް
ނުވަތަ ބޭސް ބަދަލުކުރުމަށް ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ. ނުވަތަ އަގުބޮޑުކޮށް
ޕްރައިވެޓު ތަންތަނުން ބޭސް ގަތުމަށެވެ.
އެހެންނަމަ ވެސް އަމިއްލަ ގިނަ ފާމަސީތަކުގައި
ވެސް މި ބޭސް ލިބެން ނެތް ކަމަށާއި، ބައެއް ފާމަސީތަކުން މުޅިން ހުސްވެފައިވާ
ކަމަށް ބަލިމީހުން ފާހަގަކުރެއެވެ. ކޮންމެ ދުވަހަކު ލޭގެ ޕްރެޝަރު ކޮންޓްރޯލް
ކުރުމަށް މި ބޭހަށް ބަރޯސާވާ ފަރާތްތަކުގެ މެދުގައި މިކަމުގެ ސަބަބުން މިހާރު ވަނީ
ކަންބޮޑުވުން އިތުރުވެފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއިން
ސުވާލުކުރުމުން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކޯވަމް އަކީ ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން އިން ރާއްޖެއަށް އެތެރެކުރާ ބްރޭންޑެއް ނޫން ކަމަށެވެ. އަދި
ވިދާޅުވީ، މި ބޭހަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މެޑިކިއުޕްގެ ފަރާތުން ރާއްޖޭގައި
ރަޖިސްޓްރީކޮށްގެން އެތެރެކުރަމުންދާ އުފެއްދުމެއް ކަމަށެވެ.
މީގެ ކުރިން މެޑިކިއުޕް މެދުވެރިކޮށް އެސްޓީއޯގެ
ފާމަސީތަކުން މި ބްރޭންޑްގެ ބޭސް ލިބެން ހުރި ނަމަވެސް، ރާއްޖެއަށް މި ބޭސް ސަޕްލައިކޮށްދޭ
ފަރާތުން ބޭސް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިވަގުތު މި ބޭސް މާކެޓުން
ހުސްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ބޭސް ހުސްވުމުގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔަނަމަ ވެސް، އާންމުކޮށް ބޭނުންކުރަންޖެހޭ މިފަދަ ގިނަ ބޭސްތަކެއް ނުލިބުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ގެންދަނީ ފާޅު ކުރަމުންނެވެ.
ކަން މިހެން އޮތްނަމަވެސް، ބޭސް ނުލިބި
އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާ އެކަން ސަރުކާރުގެ
ސަމާލުކަމަށް ގެނައުމަށާ އެކަމާމެދު މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި
ކުއްލި މައްސަލަވެސް ސަރުކާރުގެ މެމްބަރުން ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.