ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި
ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް
ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޖިލީހުގެ
މެމްބަރުންނާއި މައްސަލަ ބައްލަވާ ފަނޑިޔާރުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް
ކަނޑައަޅައިދިނުމަށް އެދުނު ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް
ކޯޓުން ނިންމައިފި އެވެ.

މި މައްސަލަ ހުށަހެޅި އަލީ ހުސައިންގެ ފަރާތުން
މައްސަލަ ހުށަހެޅިއިރު ދެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ. އޭގެ
ތެރެއިން އެއް ކަމަކީ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ
މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް
ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ހުށަހެޅުމެވެ.

ދެވަނަ އަމުރެއްގެ ގޮތުގައި އޭރު އެދިފައިވަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތަހުގީގެއް ހިންގައި ފަނޑިޔާރުން ވަކި
ކުރުމާ ގުޅޭ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިއުމަށް އަމުރު
ކޮށްދިނުމަށެވެ. އޭރު އެ ހުށަހެޅުން ހުށަހެޅީ މި މައްސަލަ ހުށަހެޅުނު ހިސާބުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ އަދަދު މަދު ކުރުމަށް ބިލެއް ހުށަހަޅައި،
ފަނޑިޔާރުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

އެހެންނަމަވެސް ވަގުތީ އަމުރާމެދު ގޮތެއް
ނުނިމި އުޅެނިކޮށް އޭރު މައްސަލަ ބެއްލެވި ބެންޗުވެސް ވަނީ މުޅިން
ބަދަލުކޮށްފަ އެވެ. އަދި އޭރު ތިއްބެވި ފަނޑިޔާރުންވެސް ވަނީ އެކި ސަބަބުތައް
ދައްކައި މަޤާމުން ވަކިކޮށްފަ އެވެ.

އެންމެ ފަހުން ވަގުތީ އަމުރުތަކާމެދު ގޮތް ނިންމާފައިވަނީ
އާދިއްތަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ އެފަދަ އަމުރެއް
ނެރެދެވެން ނެތްކަމަށެވެ.

މެމްބަރުންނާ ގުޅޭ އަމުރުގައި ސުޕްރީމް ކޯޓުން
ނިންމީ، މި މައްސަލައިގައި ޙަވާލާދެވޭ ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީގެ 73 ވަނަ
މާއްދާގެ (ބ) ގެ ސަލާޙިއްޔަތާމެދު ސުވާލު އުފެއްދުން ހިމެނޭ ކަމަށާއި، ވަގުތީ
އަމުރާމެދު ގޮތެއް ނިންމައިފިނަމަ މި މައްސަލައިގެ މައުޟޫއީ ގޮތުން ގޮތް
ކަނޑައަޅަންޖެހޭ ނުކުތާއަށް އަސަރު ކުރާނެ ކަމަށެވެ.

ފަނޑިޔާރުންނާ ގުޅޭ އަމުރުގެ ނިންމުމުގައި
ސުޕްރީމް ކޯޓުން ބުނީ، އެ އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މައްސަލައެއްގައި އަމިއްލައަށް
ނިޔާ ކަނޑަނޭޅޭނެ ކަމަށް ބުނާ ތަބީއީ އަދުލުގެ އަދާލަތުގެ ހަމައާ ޚިލާފު
އެދުމެއްކަމަށްވާތީ، އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މި މައްސަލައިގެ އަސްލު މައުޟޫއީ
މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރުމެވެ.