ރާއްޖޭގެ އެންމެ ގިނަ މަސްވެރިން މަސްކިރާ އަދި ތެޔޮ ގަންނަ ގއ. ކޫއްޑޫ އިން ޑީސަލް ހުސްވެގެން 2 ދުވަސް ވަންދެން މަސްވެރިންނަށް ތެޔޮ ނުލިބޭކަން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމަށް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރ މިފަދައިން ވިދާޅުވި އިރު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްވެރިންނަށް ޑީސަލް ނުލިބިގެން މަހަށް ނުފުރޭކަމުގެ ޝަކުވާ މަސްވެރިން ވަނީ ކޮށްފަ އެވެ. މިކަމާއި ގުޅިގެން ކޫއްޑޫ އިން ރާއްޖެއެމްވީއާއި ވާހަކަ ދެއްކި އިސް މީހަކު ބުނީ އެސްޓީއޯއިން ފޯރުކޮށްދޭ ޑީސަލް ހުސްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ލޯޑް ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، ހޯމަ ދުވަހު އެ މައްސަލަ ހައްލުވެ މަސްވެރިންނަށް ޑީސަލް ލިބޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ކްރައިސިސް ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީ އިން ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ތެޔޮ ފޯރުކޮށްދިނުމަކީ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިފްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮވެސް ބައެއް ފަހަރު ނުލިބި ލަސްވެފައި އެބަހުރި ކަމަށެވެ. އަދި މަސްވެރިންނަށް ދެ ދުވަސް ވަންދެން ތެޔޮ ނުލި ހުރި ވާހަކަ އޭނާއަށް ނުލިބޭ ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ. 

ކޮން ދުވަހެއްކަން ވިދާޅުވެދެއްވައިފިއްޔާ އަޅުގަނޑަށް ބަލާލެވިދާނެ ކިހާ މަހެއްތޯ ލޭންޑްކުރެވިފައިވަނީ. އެއްވެސް ދުވަހެއްގައި މަހަށް ނުފުރި، ތެޔޮ ނުލިބިގެން މަހަށް ނުފުރި އެއްވެސް ދުވަހެއް ދިޔަކަމަށް އަޅުގަނޑަށް ޔަގީނުން ވެސް އެ މައުލޫމާތެއް ނެތް. އަޅުގަނޑު މަސް ރިޕޯޓް ބަރާބަރަށް ބަލާ މީހަކަށްވާތީ، އަޅުގަނޑަށް ސީދާ ދުވަހެއް އައިޑެންޓިފައި ނުވެގެން މިއުޅޭނީ. ސީދާ ސްޕެސިފިކަލީ އެދުވަހަކު މަސް ލޭންޑް ކޮށްފައި ހުރި މިންވަރު އަޅުގަނޑު ބަލާލާފައި ދަންނަވާލާނަން އިނގޭތޯ. އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ތެޔޮދެވޭ. އެހެންނަމަވެސް މީގައި އެބައުޅޭ ދެކަމެއް. އެއްކަމަކީ ލޮޖިސްޓިކަލީ މި އަންނަ އުނދަގުލަކާހެދި ލަސްވެދާނެ. ދެން ފިނޭންސް މިނިސްޓްރީގެ ސޭއެއް އެބަ އޮންނަންޖެހޭ މިފްކޯ އަށް އެފްއެސްއެމްއިން ނުވަތަ އެސްޓީއޯއިން ދިނުމުގައި. އެހެންކަމުގައިވާނަމަ އެ އެރޭންޖްމަންޓާއެކީގައި ހުރެދާނެ ފަހަރުގައި ތެޔޮ ހުރެވެސް ތެޔޮ ދޫކުރަން ނުފެށި. އެކަހަލަ ދެ ދުވަހެއްގައި ޑިލޭއެއް އުޅެދާނެ. އެކަމަކު އެއީ ޑިލޭއެއް، އެއްވެސް ދުވަހެއްގައި ތެޔޮ ނުދެވި ދިއުމެއް ނޫން. 
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މިނިސްޓަރ ވިދާޅުވީ 11 ވަނަ ދުވަހު 10 ޓަނުގެ މަސް ކޫއްޑޫއަށް ކިރާފައިވާ ކަމަށެވެ. އަދި 12 ވަނަ ދުވަހު 75 ޓަނުގެ މަސް ކިރާފައިވަ ކަމަށެވެ. އަދި 11 ވަނަ ދުވަހު 430،386 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި 12 ވަނަ ދުވަހު  1،073،211 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް މަހަށް ފުރޭ ކަމަށެވެ. އަދި މި ދުވަސްވަރު މަސްވެރިކަން ވެސް ރަނގަޅު ކަމަށާއި، އެކަމަށް ވެސް މިފްކޯ އިން ތައްޔާރުވަމުން އަންނަ ކަމަށާއި، ދުރަށް ދުއްވަން ނުޖެހޭނެ ގޮތަކަށް އުޅަނދުތައް ވެސް އެކި ސަރަހައްދަށް ފޮނުވަމުންދާނެ ކަމަށެވެ.