ރޭ އެމްޑީޕީ އިން ކުރި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅައިފި އެވެ.

އެ މުޒާހަރާ ފެށުމާއި އެކު މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ޗާންދަނީ މަގުން ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ވަނީ ބެރިކޭޑް ޖަހައި މަގު ބަންދުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ. މުޒާހަރާގެ ވަކި ހިސާބަކުން އިދިކޮޅު ޕީއެންއެފް. އިން މުޒާހަރާ އާއި ގުޅުނެވެ. 

އޭގެ ފަހުން އާއްމުން ވަނީ މާލޭގެ މަގުތަކުގައި ހިނގަމުން ޝުއޫރު ފާޅުކޮށްފައެވެ. ފުލުހުން ވަނީ މަޖިލިސް ކުރާ ގެ ކައިރިން މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބެރިކޭޑް ޖަހާ ބަންދުކޮށްފަ އެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އިރު ފުލުހުން ވަނީ ރާއްޖެޓީވީގެ ކެމެރާމަނަކު ކޮއްޕާލާފަ އެވެ. އަދި ނޫސްވެރިންނަށް ވަކި ތަނެއްގައި ތިބުމަށް އަންގާ ނޫސްވެރިން މުޒާހަރާ ކަވަރު ކުރުމަށް ހަނިވާ ގޮތަށް އަމަލުކޮށްފައިވެ އެވެ.

އެ މުޒާހަރާ އިން ދެ މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރުކޮށްފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން (ވާވާ) އާއި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު އެވެ. މިއަދުގެ ވަގުތެއްގައި ޝަރުތުތަކަކާއި އެކު މައިމޫން ވަނީ ދޫކޮށްލާފަ އެވެ. އަދި ރޭ ދަންވަރުގެ ވަގުތެއްގައި ވާވާ ވަނީ ދޫކޮށްލާފަ އެވެ.